އޮކްޓޫބަރު މަހު މީރާއިން 1.03 ބިލިއަން ރުފިޔާ ބަލައިގެންފި

އޮކްޓޫބަރު 2018 ގައި މީރާއަށް 1.03 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %3.9 އިތުރު އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %9.6 އިތުރު އަދަދެކެވެ.

އޮކްޓޫބަރު މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީ އަދި ކޮންސްޓްރަކްޝަން ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ.

އޮކްޓޫބަރު 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %61.7 ނުވަތަ 636.93 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީއިންނެވެ. އެއީ %5.8 ނުވަތަ 59.94 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 56.77 މިލިއަން ރުފިޔާ (%5.5)، ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 46.32 މިލިއަން ރުފިޔާ (%4.5)، އެއަރޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 43.18 މިލިއަން ރުފިޔާ (%4.2) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 188.71 މިލިއަން ރުފިޔާ )%18.3) ހިމެނެއެވެ.

އޮކްޓޫބަރު 2018ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 38.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

 

12-11-18