މޯލްޑިވްސް ޓެކްސް އެކަޑަމީ އާއި އޯ.އީ.ސީ.ޑީ ކޮރެއާ ޕޮލިސީ ސެންޓަރ ގުޅިގެން މީރާގެ މުވައްޒަފުންނަށް ނޮލެޖް އެކްސްޗޭންޖް ޓްރެއިނިންގ ޕްރޮގްރާމެއް ބާއްވައިފި

އޯ.އީ.ސީ.ޑީ ކޮރެއާ ޕޮލިސީ ސެންޓަރާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މޯލްޑިވްސް ޓެކްސް އެކަޑެމީ ގުޅިގެން މީރާގެ މުވައްޒަފުންނަށް ބައިނަލްއަޤްވާމީ ޓެކުހުގެ މައިދާނުގައި ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރާނެ ގޮތްތައް އުނގަންނައިދިނުމަށްޓަކައި، ހާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.

30 އޮކްޓޫބަރު އިން 1 ނޮވެންބަރު 2018 އަށް މާލޭގައި ބޭއްވުނު މި ޕްރޮގްރާމުގައި މީރާގެ 50 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމް ހިންގުމަށްޓަކައި ކޮރެއާ- އޯ.އީ.ސީ.ޑީ މަލްޓިލެޓެރަލް ޓެކްސް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، މރ. ޔޮންގްޖޫ ލީ އަދި ޑިރެކްޓަރ، ޔަންގްސޫ ޗޯއި ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ ކޮރެއާގެ ޓެކްސް އެކްސްޕަރޓުންގެ ޓީމަކުންނެވެ.

ގުޅުންހުރި ވިޔަފާރިތަކުން ދޭދޭ ގައުމުތަކުގައި ހިންގާ މުއާމަލާތައް އަގުކުރުމާއި، އެކި އެކި ގައުމުތަކުގެ މެދުގައި ގާއިމު ކުރެވިފައިވާ ޓެކްސް ޓްރީޓީތަކާ ގުޅިގެން ޓެކްސް ހިސާބުކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާގުޅޭގޮތުން މި ޕްރޮގްރާމްގައި  މައުލޫމާތު ދީފައި ވެއެވެ.

މި ޓްރޭނިންގ ޕްރޮގްރާމުން ދަސްވި ހުނަރުތަކާއި ލިބުނު މައުލޫމާތުގެ އަލީގައި، މީރާގެ މުވައްޒަފުންގެ މަސައްކަތް އިތުރަށް ފުރިހަމަކޮށް  ހަރުދަނާކުރުމަށް، ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވަނީ މީރާގެ މުވައްޒަފުންނަށް އިލްތިމާސް ކުރައްވާފައެވެ.

އޯ.އީ.ސީ.ޑީ ކޮރެއާ ޕޮލިސީ ސެންޓަރާއި ގުޅިގެން މީރާއިން ވަނީ 2016 ވަނަ އަހަރު ވެސް މީރާގެ މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން މިފަދަ ތަމްރީނު ޕްރޮގްރާމެއް ދިވެހިރާއްޖޭގައި ކުރިއަށް ގެންގޮސްފައެވެ.

 

01-11-18