ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަށް އާންމުން އަހުލުވެރިކުރުމުގެ ޕްރޮގްރާމް އެމް.އައި.އާރ.އޭ އިން ފަށައިފި

18 ޖުލައި 2011އިން ފެށިގެން ވިޔަފާރީގެ ފައިދާއިން ޓެކްސް (ބީ.ޕީ.ޓީ) ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ހަމަޖެހުމާއި ގުޅިގެން، އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ސިލްސިލާ ބައްދަލުވުންތަކެއް މިއޮތޯރިޓީއިން ވަނީ ފަށާފައެވެ. މިސިލްސިލާ ބައްދަލުވުންތައް ބޭއްވުމުގެ މަޤުސަދަކީ އާންމު ފަރުދުންނާއި ވިޔަފާރިވެރިން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިކުރުވުމެވެ.

މިސިލްސިލާ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން 09 ޖޫން 2011 ވީ ބުރާސްފަތިދުވަހު 14:00ގައި ޝީ ބިލްޑިންގެ އަސަރީ މާލަން ހޯލުގައި ބޭއްވުނެވެ. މިބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ބައްދަލުވުމުގެ ބައިވެރިންނާއި މުޙާތަބުކޮށް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ހަސަން ޒަރީރު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުންވެސް އެމް.އައި.އާރ.އޭގައި ރަޖިސްޓްރީކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ބީ.ޕީ.ޓީ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު އެއޮތޯރިޓީގެ ވެބްސައިޓުގައި އާންމުކުރެވިފައިވާ ކަމަށާއި އެއަށް ހުރިހާ ފަރާތްތަކުންވެސް ޚިޔާލު ހުށަހެޅުއްވުމަށް ވިދާޅުވިއެވެ.

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން 50 އަށްވުރެގިނަ ބައިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިފަދަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް މިއޮތޯރިޓީގެ ރަސްމީ ވެބްސައިޓް www.mira.gov.mv އިން އޮންލައިންކޮށް ރަޖިސްޓްރީ ކުރެއްވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ވިޔަފާރިކުރާ އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް އަމާޒުކޮށްގެން ހިންގާ މަޢުލޫމާތު ދިނުމުގެ މިބައްދަލުވުންތަކަކީ ބީ.ޕީ.ޓީއަށް އާންމުން އަޙުލުވެރިކުރުމަށް މިއޮތޯރިޓީއިން ހިންގާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މިފަދަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގެ އިތުރުން އަތޮޅުތަކަށް މަޢުލޫމާތު ދިނުމަށް އެތަންތަނަށް ދިއުމާއި، މިކަމާގުޅޭ ސަރުކާރުގެ އޮފީސްތަކަށް މަޢުލޫމާތު ހިއްސާކުރުމާއި މީޑިއާމެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

12-07-11