ސެޕްޓެންބަރު މަހު މީރާއިން 1.3 ބިލިއަން ރުފިޔާ ބަލައިގެންފި

ސެޕްޓެންބަރު 2018 ގައި މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %25.9 އިތުރު އަދަދެކެވެ.

2017 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓު، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ.

ސެޕްޓެންބަރު 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %39.9 ނުވަތަ 507.83 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ %25.7 ނުވަތަ 326.77 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 82.36 މިލިއަން ރުފިޔާ (%6.5)، ގްރީން ޓެކްސްގެ ގޮތުގައި 63.12 މިލިއަން ރުފިޔާ (%5.0)، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 61.10 މިލިއަން ރުފިޔާ (%4.8) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 231.18 މިލިއަން ރުފިޔާ )%18.2) ހިމެނެއެވެ.

ސެޕްޓެންބަރު 2018ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 59.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

 

10-10-18