އޮގަސްޓު މަހު މީރާއިން 1 ބިލިއަން ރުފިޔާ ބަލައިގެންފި

އޮގަސްޓު 2018 ގައި މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %16.8 އިތުރު އަދަދެކެވެ. ނަމަވެސް، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %0.4 ދަށް އަދަދެކެވެ.

އަންދާޒާކުރި އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ޓޫރިސްޓުން ރާއްޖޭއަށް އައިސްފައިވާ މިންވަރު %10.1 އިތުރުވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި ޓެކްސްތައް އިތުރުވުމާއި، އަދި، އޮގަސްޓު މަހުގެ ތެރޭގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް އިތުރުވެފައިވުމުގެ ސަބަބުންނެވެ.

އޮގަސްޓު 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %52.3 ނުވަތަ 529.68 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީންނެވެ. އެއީ %12.0 ނުވަތަ 121.80 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި %7.6 ނުވަތަ 76.70 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި (62.97 މިލިއަން ރުފިޔާ ނުވަތަ %6.2)، އެއަރޕޯޓް ޑެވެލޮޕްމަންޓް ފީގެ ގޮތުގައި (49.26 މިލިއަން ރުފިޔާ ނުވަތަ %4.9) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ (172.32 މިލިއަން ރުފިޔާ ނުވަތަ %17.0) ހިމެނެއެވެ.

 

އޮގަސްޓު 2018ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 38.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

 

12-09-18