އުނގޫފާރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

ރ. އުނގޫފާރުގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.

އުނގޫފާރު ކަލެކްޝަން ސެންޓަރ ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެ އޮފީސް ހުޅުއްވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ރ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދެވެ. އުނގޫފާރު ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ގާތުން ލިބި، އެ ފަރާތްތަކަށް ބޭނުންވާ އެހީރެތެރިކަން ފަސޭހަކަމާއި އެކީ ފޯރުވައިދެވޭނެކަމަށެވެ. އަދި، އެއްވެސް ހާލެއްގައި ވިޔަފާރިތަކަށް، ހާއްސަކޮށް ކުދި ވިޔަފާރިތަކަށް ދަތިކޮށް، ނުއުފުލޭވަރުގެ ބުރައެއް ޖެއްސުމަކީ މީރާގެ މަގްސަދެއް ނޫންކަމާއި، ކުދި ވިޔަފާރިތަކަށް ޤާނޫނާ ގަވާއިދުގެ ތެރެއިން ދެވެންހުރި ހުރިހާ ލުއިތަކެއް ދީ، އެހީތެރި ވެދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން، ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގަމުންދާ ޚާއްސަ ކެމްޕޭނުގެ ދަށުން، އޮކްޓޯބަރު 27 ގެ ނިޔަލަށް ޓެކުހާ ގުޅޭ އެންމެހާ ޖޫރިމަނާތައް މާފުކޮށްދެމުން އެބަ ގެންދަވާކަން ކޮމިޝަނަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.

އުނގޫފާރު ކަލެކްޝަން ސެންޓަރުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހުގެ ފައިސާއާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މީރާގެ އޮފީސްތައް 13 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.

 

10-09-18