މީރާއިން އޯޕަންޑޭ އެއް ބާއްވަނީ

ޓެކްސްދައްކާ ފަރާތްތަކާއި އާންމު ފަރުދުން ޓެކުހުގެ ނިޒާމަށް އަހުލުވެރިކުރުމުގެ ގޮތުން މީރާއިން ކުރިއަށް ގެންދާ 'ޓެކްސް ވީކް' ގެ ހަރަކާތެއްގެ ގޮތުގައި 'މީރާ އޯޕަންޑޭ' އެއް މިއަދު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

 

ހެނދުނު 9:00 އިން ހަވީރު 4:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އޯޕަންޑޭގެ މަޤްސަދަކީ މީރާއިން ފޯރުވައިދޭ ޚިދުމަތްތަކާއި ވަޒީފާ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު އާންމުންނަށާއި މީރާގައި ވަޒީފާ އަދާކުރަންބޭނުންވާ ފަރާތްތަކަށް ފޯރުވައިދިނުމެވެ. މިގޮތުން މީރާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މީރާގެ އެކި ޑިޕާޓްމަންޓްތަކާއި ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން، އެ ފަރާތެއް ކިޔަވާ ނުވަތަ ކިޔަވާފައިވާ ދާއިރާއާއި ގުޅިގެން މީރާގައި އަދާ ކުރެވޭނެ ވަޒީފާތަކުގެ މައުލޫމާތު ދެވޭނެއެވެ. އަދި މީރާގެ އެކި ޑިޕާޓްމަންޓުތަކަށް ޒިޔާރަތްކޮށް އެ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބައްދަލުކޮށް، ސުވާލުކުރުމުގެ ފުރުޞަތު ދެވޭނެއެވެ. އަދި މީގެ އިތުރުން 'މީރާ އޯޕަންޑޭ' ގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 1،000 ރުފިޔާގެ އިނާމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

 

'މީރާ އޯޕަންޑޭ' ގައި ވީހާވެސް ގިނަ ސްކޫލްތަކާއި އާންމުން ބައިވެރިވާނެކަމަށް މި އޮތޯރިޓީން އުންމީދު ކުރަމެވެ.

 

05-08-18