ކުރިން ޑޮލަރުން ބަލައިގަންނަމުންއައި ގިނަ ރެވެނިއު ކޯޑުތަކަށް މިހާރު ފައިސާ ބަލައިގަންނާނީ ދިވެހި ރުފިޔާއިން

09 އޮގަސްޓް 2011 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުން، ދައުލަތަށް ބަލައިގަންނަ ހުރިހާ ފައިސާއެއްވެސް ބަލައިގަންނާނީ ދިވެހި ރުފިޔާއިން ކަމަށާއި އަދި މިގޮތަށް މިފައިސާތައް ބަލައިގަންނަން ފައްޓާނީ ޤާނޫނީގޮތުންނާއި އިދާރީގޮތުން ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމަށްފަހުގައި ކަމަށް ނިންމެވުމާއި ގުޅިގެން، މިނިންމެވުން ތަންފީޒުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން އެދިވަޑައިގަތުމުން މިނިންމުން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރެވެމުންދާކަމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ޔަޒީދު މުޙައްމަދު ވަނީ ވިދާޅުވެފައެވެ.

މިގޮތުން، ޑޮލަރުން ބަލައިގަންނަމުން އަންނަ 15 ރެވެނިއު ކޯޑުގެ ތެރެއިން 4 ރެވެނިއު ކޯޑެއް ފިޔަވައި އެހެން ހުރިހާ ފައިސާއެއްވެސް މިހާރު ބަލައިގަންނަމުންދާނީ ދިވެހި ރުފިޔާއިންނެވެ. އަދި މިފައިސާ ދިވެހި ރުފިޔާއިން ބަލައިގަތުމުގައި ހަމަޖައްސަންޖެހޭ އިދާރީ ކަންތައްތައް ހަމަޖެއްސުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ވަނީ ކުރެވިފައެވެ. އަދި ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޓީ-ޖީ.އެސް.ޓީ)، ޓޫރިޒަމް ޓެކްސް، ލީސް ރެންޓް/ލޭންޑް ރެންޓް އަދި ރިޒޯޓު ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ދައްކާ ފީ ދިވެހި ރުފިޔާއިން ބަލައިގަތުމަށްޓަކައި ޓޫރިޒަމް ޤާނޫނާއި ޓީ-ޖީ.އެސް.ޓީ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި ގުޅިގެން ކުރެވެމުންދެއެވެ. އަދި އެ އިސްލާޙްތައް ގެނެވުމުން މިއަންނަ މަހުން ފެށިގެން އެ ފައިސާވެސް ބަލައިގަންނާނީ ދިވެހި ރުފިޔާއިންނެވެ.

މިމައްސަލައާއި ގުޅިގެން ބައެއް ނޫސްމީޑިއާގައި ސަރުކާރުން މިއޮތޯރިޓީއަށް 13 އޮގަސްޓް 2011އިން ފެށިގެން ޑޮލަރުން ނޫނީ ފައިސާ ބަލައި ނުގަތުމަށް އަންގަވާފައިވާކަމަށް ބައެއް ބޭފުޅުންނާއި ޙަވާލާދީ ފަތުރާފައިވާ ޚަބަރުތަކަކީ މިއޮތޯރިޓީއިން މިކަމުގައި މަސައްކަތްކުރަމުން ދިޔަގޮތުގެ ޙަޤީޤަތް އޮޅޭގޮތަށް ރިޕޯޓުކުރެވިފައިވާ ޚަބަރުތަކެއްކަމުގައި ދެކޭތީ، މިކަމާމެދު މިއޮތޯރިޓީއިން ހިތާމަކުރަމެވެ.

ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގައި ޓެކްސްއާބެހޭ ޤާނޫނުތައް ތަންފީޒުކޮށް ޓެކްސްއާ ބެހޭ ސިޔާސަތުތައް ތަންފީޒުކުރުމަކީ އެއޮތޯރިޓީގެ މަސްޢޫލިއްޔަތެއްކަމުގައި ބަޔާންކޮށްފައިވާތީ، މިފަދަ ޤާނޫނުތަކާއި ސިޔާސަތުތައް ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ތަންފީޒުކުރުމުގައި ކުރަންޖެހޭ ހުރިހާ ކަންތައްތަކެއް ކުރާނެ ކަމުގެ ޔަޤީންކަން މިއޮތޯރިޓީއިން އަރުވަމެވެ.

15-08-11