ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

މިއަހަރުގެ ޖުލައި 18އިން ފެށިގެން ޢަމަލުކުރަންފެށުނު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރެވިއްޖެއެވެ.

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން، އެޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހާ ގަވާއިދުތައް ހެދުމަށް، އެޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސް ދުވަސް ދީފައިވީކަމުގައިވިޔަސް، ޓެކްސް ހިސާބުކުރުމުގައި ބޭނުންވާނެ މުހިންމު މަޢުލޫމާތުތަކެއް ގަވާއިދުގައި ހިމެނޭނެތީ، ވީއެންމެ އަވަހަކަށް އެގަވާއިދު ނިންމުމަށް މަސައްކަތް ކުރެވިފައިވާނެއެވެ.

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދައްކާފައިވާ ނުވަތަ ދައްކަންޖެހޭ ފައިސާއިން ދައުލަތަށް ނެގޭ 'ވިތްހޯލްޑިންގ ޓެކްސް'ގެ ފައިސާ މިހާރުވެސް މިއޮތޯރިޓީއަށް ދައްކަމުންދެއެވެ. ވިތުހޯލްޑިންގ ޓެކްސްއަކީ ވަކި ޚާއްސަ ޕޭމަންޓްތަކަކުން ދައްކަންޖެހޭ ޓެކްސްއެކެވެ. އަދި މިޓެކްސް މަހުންމަހަށް މިއޮތޯރިޓީއަށް ދައްކަންޖެހޭނެއެވެ. އެހެންކަމުން ވިތްހޯލްޑިންގެ ޓެކްސް ދެއްކުމަށް ބޭނުންވާނެ ފޯމާއި އަދި މިކަމާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ހިމަނައިގެން 'މަޢުލޫމާތު ގައިޑެއް' ތައްޔާރުކުރެވި، މިއޮތޯރިޓީގެ ވެބްސައިޓް www.mira.gov.mv ގައި ޝާއިޢު މިހާރު ކުރެވިފައިވާނެއެވެ.

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގަވާއިދުގައި ޓެކްސް ހިސާބުކުރުމުގެ އުސޫލުތަކާއި، ހުއްދަކުރެވޭ އުނިކުރުންތަކުގެ މަޢުލޫމާތު ހިމެނޭނެއެވެ. މީގެ އިތުރުން ނުއުފުލޭ މުދާ ކުއްޔަށްދީގެން އާމްދަނީ ހޯދާ ފަރާތްތަކުން ޓެކްސް ހިސާބުކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައްވެސް މިގަވާއިދުގައި ހިމެނޭނެއެވެ.

18-08-11