މީރާގެ މުވައްޒަފުން އައި.ޖީ.އެމް.އެޗްގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން އައި.ޖީ.އެމް.އެޗްގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށް، ބަލިމީހުންނަށް ހަދިޔާ ދީފިއެވެ.

މިއީ މީރާގެ އިޖުތިމާޢީ ޒިންމާ އަދާކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ހިންގާ ތަފާތު އިޖުތިމާއީ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދެވުނު ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވުނު ރަސްމިއްޔާތުގައި މީރާގެ ގިނަ މުވައްޒަފުންނާއި އައި.ޖީ.އެމް.އެޗްގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މީރާގެ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް، ރެވެނިއު އޮޕަރޭޝަންސް، އަޙްމަދު އަލީ ވިދާޅުވެފައިވަނީ މި ހަރަކާތް ހިންގުމުގެ މަގްސަދަކީ މުޖްތަމައު ތެރޭގައި ބަލި މީހުންނަށް ޒިޔާރަތްކުރުމުގެ އާދަ އަލުން ދިރުވައި އާލާކުރުންކަމުގައެވެ. އަދި މިފަދަ ޚަރާކާތްތަކަކީ މީރާއިން ބަލައިގަންނަ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ހިންގާ ހަރާކާތްތަކެއް ނޫންކަމަށާއި، މިއީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ހިންގާ ހަރަކާތްތަކެއްކަމަށް ވެސް އަޙްމަދު ވިދާޅުވެފައިވެއެވެ. އަޙްމަދު ވިދާޅުވެފައިވާ ވަނީ މިފަދަ ހަރަކާތްތައް ހިންގުމަށް މީރާގެ މުވައްޒަފުންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ޔަޒީދު މުޙައްމަދު، މި ފަދަ ކަންކަމަށް ދެއްވާ އަހައްމިއްޔަތެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މީރާއިން މުޖްތަމައުއަށް އެހީތެރިވުމަށް މިފަދަ އެކިއެކި ހަރަކާތްތައް ރާވައި ހިންގާނެކަމަށް ވެސް އަޙްމަދު ވިދާޅުވިއެވެ. ހަމަ އެއާއެކު މި ހަރަކާތް ހިންގުމަށް އައި.ޖީ.އެމް.އެޗްގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސަރވިސެސް، ޑރ. އަލީ ނަޒީމް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މީރާގެ މުވައްޒަފުން އިސްނަގައިގެން އައި.ޖީ.އެމް.އެޗްގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކުރުމަށް މިފަދަ ހަރަކާތެއް ރާވައި ކުރިއަށްގެންދިޔަކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެ މީރާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މީރާއިން މިފަދަ ހަރަކާތްތައް ކުރިއައް ގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ މިފަދަ ހަރަކާތެއް ވޭތުވެދިޔަ އަހަރުގައި ވެސް މީރާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

ގުޅުންހުރި ލިޔުންތައް

 

05-07-18