ޖީ.އެސް.ޓީ ޤާނޫނަށް ވިޔަފާރިތައް އަޙުލުވެރިކުރުމަށް އެތަންތަނަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެ

ޤާނޫނު ނަންބަރ 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ހަމަޖެހުމާއި ގުޅިގެން، އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށް ޖީ.އެސް.ޓީ އަށް އަޙުލުވެރިކުރުވުމުގެ ކެމްޕޭނެއް މިއޮތޯރިޓީއިން މިވަނީ ފަށާފައެވެ.

ޖީ.އެސް.ޓީ އަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ 02 އޮކްޓޯބަރ 2011އިން ކަމަށްވެފައި މި މުއްދަތުގެ ތެރޭގައި މިޓެކްސްއާއި ގުޅުން ހުރި ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަރަށްގިނަ ޙަރަކާތްތަކެއް ރޭވިފައިވެއެވެ. މިގޮތުން 'ޖީ.އެސް.ޓީ އަށް އަޙުލުވެރިކުރުމުގެ ކެމްޕޭން'ގެ ދަށުން އެންމެ އިސްކަމެއް ދީގެންހިންގޭނެ އެއް ޙަރަކާތެއްގެ ގޮތުން ވިޔަފާރިތަކަށް ވަކިވަކިން ޒިޔާރަތްކޮށް ވިޔަފާރިވެރިންނަށް ޓެކްސާބެހޭ މަޢުލޫމާތުދީ އެތަންތަނުގައި ބެހެއްޓިފައި ހުންނަ ސިސްޓަމްތަކާއި ގެންގުޅޭ ސޮފްޓްވެއަރ ތަކާއި ހިސާބުބެލެހެއްޓުމަށް ގާއިމްކުރެވިފައިވާ ނިޒާމްތަކާބެހޭ މަޢުލޫމާތު ހޯދުން ހިމެނެއެވެ. ވިޔަފާރިތަކަށް ކުރެވޭ މި'އެޑިއުކޭޝަނަލް ވިޒިޓްސް' ތަކަށް ވިޔަފާރިވެރިންގެ އެއްބާރުލުން ލިބޭނެކަމަށް މިއޮތޯރިޓީއިން އުންމީދުކުރަމެވެ.

ޖީ.އެސް.ޓީއަށް އަޙުލުވެރިކުރުމުގެ މިކެމްޕޭނުގެ ދަށުން ކުރިއަށް ރޭވިފައިހުރި އެހެނިހެން ޙަރަކާތްތަކުގެ ތެރޭގައި ޓެކްސްއާބެހޭ އެންމެ ފަހުގެ މަޢުލޫމާތު އެއޮތޯރިޓީގެ ވެބްސައިޓް www.mira.gov.mv އަދި އެއޮތޯރިޓީގެ ޓެކްސްޕެޔަރ ސަރވިސް ސެންޓަރުން ފޯރުކޮށްދިނުމާއި، ރާއްޖޭގެ ޓީ.ވީ އަދި ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ޓެކްސްއާބެހޭ ޕްރެޒެންޓޭޝަންތައް މާލެއާއި އަތޮޅުތެރޭގައި ބޭއްވުމާއި މަޢުލޫމާތު ސީ.ޑީ އަދި ލީފްލަޓް ފަތަ ތަކެތީގެ އެހީގައިވެސް މަޢުލޫމަތު ފޯރުކޮށްދިނުން ހިމެނެއެވެ.

15-09-11