"އޭޝިއާ ޓެކްސް ކޮމިޝަނަރ އޮފް ދަ ޔިއަރ" އެވޯޑު ކޮމިޝަނަރ ޖެނެރަލް ޔަޒީދަށް ލިބިވަޑައިގެންފި

ޓެކުހުގެ ދާއިރާއިން ފާހަގަކޮށްލެވޭ ލަނޑުދަނޑިތައް ހާސިލްކޮށްފައިވާ ފަރާތްތައް ފާހަގަކުރުމުގެ ގޮތުން އިންޓަރނެޝަނަލް ޓެކްސް ރިވިއު (އައި.ޓީ.އާރް) އިން ކޮންމެ އަހަރަކު ބާއްވާ "އޭޝިއާ ޓެކްސް އެވޯޑް"ގެ 2017 ވަނަ އަހަރުގެ "އޭޝިއާ ޓެކްސް ކޮމިޝަނަރ އޮފް ދަ ޔިއަރ" އެވޯޑު ރާއްޖޭގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދަށް ލިބިވަޑައިގެންފިއެވެ.

ރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާކޮށް، ޒަމާނީ ކުރުމަށްޓަކައި 2017 ވަނަ އަހަރުގެ ތެރޭގައި ކޮމިޝަނަރ ޖެނެރަލް ކުރައްވާފައިވާ މަސައްކަތްތަކަށް ރިއާޔަތްކޮށް ލިބުނު މި އެވޯޑަށް ރާއްޖޭގެ ކޮމިޝަނަރ ޖެނެރަލް އާއި ވާދަ ކުރެއްވީ އޮސްޓްރޭލިއާ، ސިންގަޕޫރު، ޗައިނާ އަދި ހޮންގކޮންގް ގެ ޓެކްސް ކޮމިޝަނަރަނުންނެވެ. މި އެވޯޑަކީ 2017 ވަނަ އަހަރު ޓެކުހުގެ ދާއިރާއިން އޭޝިއާގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްކަމަށް އައި.ޓީ.އާރްގެ އިދާރާއަށް ފެންނަ ފަރާތަށް ދެވޭ އެވޯޑެކެވެ. މި އެވޯޑު ދިނުމުގައި ވާދަކުރާ ފަރާތްތަކުން 2017 ވަނަ އަހަރު ކޮށްފައިވާ މަސައްކަތް ބަލައި، މި އެވޯޑަށް އެންމެ އެކަށީގެންވާ ފަރާތް ހޮވާފައިވަނީ އައި.ޓީ.އާރްގެ ހާއްސަ ޖަޖިންގ ޕެނަލްއަކުންނެވެ.

އިންޓަރނޭޝަނަލް ޓެކްސް ރިވިއު (އައި.ޓީ.އާރް) އަކީ ޓެކުހާ ގުޅޭ އެކި އެކި މައުލޫމާތު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓެކްސް އިދާރާގައި މަސައްކަތްކުރާ ފަރާތްތަކާ، ސަރުކާރުތަކާއި، ޓެކުހުގެ ރޮނގުން ދިރާސާ ހަދާ ފަރާތްތައް އަދި ޓެކުހާ ގުޅޭ މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކަށް ހާއްސަކޮށްގެން ގެނެސްދޭ އިދާރާއެކެވެ. އެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވާ 'އޭޝިއާ ޓެކްސް އެވޯޑް" ހަފްލާއަކީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުން ޓެކުހާ ގުޅޭ އެކި ރޮނގު ރޮނގުން އެންމެ ހޮވާލެވޭ ކުންފުނިތަކާއި، ލީޑަރުން ހޮވާ އެކަމުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ޙައްޤުވާ އެވޯޑު ހަވާލުކުރާ ހަފްލާއެވެ. މިއީ މި ހަފްލާ ބާއްވާ 13 ވަނަ އަހަރެވެ. 

03-05-18