މީރާ ހުޅުމާލެ ބްރާންޗް ހުޅުވައިފި

މީރާ ހުޅުމާލެ ބްރާންޗް އޮފީސް މިއަދު ހުޅުވައިފިއެވެ. މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު އަދި މީރާގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންނާއި މީރާގެ އިސްވެރިންގެ އިތުރުން މީރާގެ ހުޅުމާލެ ބްރާންޗުގެ މުވައްޒަފުންވަނީ ބައިވެރިވެފައެވެ.

މީރާ ހުޅުމާލެ ބްރާންޗް އޮފީސް ހުޅުވުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ އޮފީސް ހުޅުއްވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ މީރާގެ ހުޅުމާލެ ބްރާންޗް އަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އަތޮޅު ތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބެއެވެ. އޭގެތެރޭގައި ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހާއި، މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވެއެވެ.

 

23-04-18