ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަން ފަށައިފި

ޤާނޫނު ނަންބަރ 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) 2 ސެޕްޓެމްބަރ 2011 ގައި ތަސްދީޤުކޮށް ޝާއިއުކުރުމާއި ގުޅިގެން 2 އޮކްޓޯބަރ 2011 އިން ފެށިގެން މިޤާނޫނަށް އަމަލުކުރަންފަށަން ޖެހެއެވެ. މިޤާނޫނު ތަންފީޒުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. މިގޮތުން ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ޓެކްސް ނެގޭ ޙަރަކާތް ހިންގަމުންގެންދާ ފަރާތްތައް ރަޖިސްޓަރީކުރުމާއި އަދި ޤާނޫނަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ވަނީ ފަށާފައެވެ.

ޤާނޫނުގެ 51 ވަނަ މާއްދާގައިވާ ގޮތުން ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރާ އެންމެހައި ފަރާތްތަކާއި، ޤާނޫނުގެ 15ވަނަ މާއްދާގައި ހިމެނޭ ޓޫރިޒަމް ދާއިރާގެމުދަލާއި ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތައް ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރަންޖެހެއެވެ. މީގެ އިތުރުންދިވެހިރާއްޖޭގައި ވިޔަފާރިކުރަމުންދާ ފަރާތްތަކުގެ ތެރެއިން ފާއިތުވި 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ވިއްކި މުދަލާއި ފޯރުކޮށްދިން ޚިދުމަތްތަކުގެ ޖުމްލަ އަގު -/1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކާއި އަދި ކުރިއަށްއޮތް 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ ފަރާތަކުން ވިއްކާނެ މުދަލާއި، ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ޖުމްލަ އަގު -/1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ އިތުރުވާނެކަމަށް އަންދާޒާކުރެވޭ ފަރާތްތައް ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރަންޖެހެއެވެ.

ވީމާ، މިފަދަ ފަރާތްތަކުން ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުމަށް އެދޭ ފޯމް (MIRA105) ފުރިހަމަކޮށް 30 ސެޕްޓެމްބަރ 2011 ގެ ކުރިން މިއޮތޯރިޓީގައި ރަޖިސްޓަރީކޮށް ނިންމުމަށް އިލްތިމާސްކުރަމެވެ.

ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން، ޤާނޫނު ނަމްބަރު 2010/19 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)ގެ ދަށުން މިހާރު މިއޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އަލުން މިއޮތޯރިޓީގައި ރަޖިސްޓަރީކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް، އެފަރާތްތަކުން ޓޫރިޒަމް ދާއިރާގެ އިތުރުން ފޯރުކޮށްދޭ އެހެން ދާއިރާތަކުގެ މުދަލާއި ޚިދުމަތާއި ގުޅިގެން މިއޮތޯރިޓީގެ MIRA105 ފޯމުން އެފަދަ ޚިދުމަތްތައް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ. ރަޖިސްޓަރީކުރުމަށް އެދޭ ފޯމް މިއޮތޯރިޓީގެ ކައުންޓަރުންނާއި މި އޮތޯރިޓީގެ ވެބްސައިޓްwww.mira.gov.mv އިން ޑައުންލޯންޑް ކުރެވެން ހުންނާނެއެވެ.

15-09-11