މާރިޗު މަހު މީރާއިން 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފި

މާރިޗު 2018 ގައި މީރާއަށް 1.5 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %16.2 އިތުރު އަދަދެކެވެ.

މާރިޗު މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީގެ ގޮތުގައި ބަލައިގަނެފައިވާ އަދަދު އިތުރުވުމެވެ. އަދި ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރި މިންވަރު އިތުރުވުމުގެ ސަބަބުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ.

މާރިޗު 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %50.7 ނުވަތަ 780.15 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 21.0% ނުވަތަ 323.44 މިލިއަން ރުފިޔާއެވެ. އަދި ބީ.ޕީ.ޓީ (122.66 މިލިއަން ރުފިޔާ ނުވަތަ %7.3)، ގްރީން ޓެކްސް (76.36 މިލިއަން ރުފިޔާ ނުވަތަ %5.0) އަދި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ (59.72 މިލިއަން ރުފިޔާ ނުވަތަ %3.9) ހިމެނެއެވެ.

 

މާރިޗު 2018ގައި ބަލަގަނެފައިވާ އާމްދަނީގެ ތެރޭގައި 71.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

ގުޅުންގުރި ލިޔުންތައް: https://www.mira.gov.mv/reports/Mar18.pdf

04-04-18