މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އާންމުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް

2 އޮކްޓޯބަރ 2011އިން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުންޓެކްސް ނެގުމުގެ ޤާނޫނަށް (ޖީ.އެސް.ޓީ އަށް) ޢަމަލުކުރަން ހަމަޖެހުމާއި ގުޅިގެން، ޖީ.އެސް.ޓީ އަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން މިޓެކުހާއި ގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށް މިއޮތޯރިޓީއިން މަޢުލޫމާތު ދިނުމުގެ ސިލްސިލާ ބައްދަލުވުންތަކެއް މިއަދު މިވަނީ ފަށާފައެވެ.

ޖީ.އެސް.ޓީއާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ މިބައްދަލުވުންތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިއޮތޯރިޓީގެ ރަސްމީ ވެބްސައިޓް www.mira.gov.mvއިން އޮންލައިންކޮށް، އަދި ފޯނުން ގުޅައިގެންވެސް ނަން ނޯޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

ޖީ.އެސް.ޓީ އަށް އަލުވެރިކުރުވުމަށް ރޭވިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ހިންގަމުންދާ އެއް ޙަރަކާތެއްގެ ގޮތުން ވިޔަފާރިތަކަށް ވަކިވަކިން ޒިޔާރަތްކޮށް ވިޔަފާރިވެރިންނަށް ޓެކްސާބެހޭ މަޢުލޫމާތުދީ އެތަންތަނުގައި ބެހެއްޓިފައި ހުންނަ ސިސްޓަމްތަކާއި ގެންގުޅޭ ސޮފްޓްވެއަރ ތަކާއި ހިސާބުބެލެހެއްޓުމަށް ޤާއިމްކުރެވިފައިވާ ނިޒާމްތަކާބެހޭ މަޢުލޫމާތު ހޯދުން ހިމެނެއެވެ. މިގޮތުން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުން ބޭނުންކުރަމުން އަންނަ ހިސާބު ތައްޔާރުކުރުމުގެ ނިޒާމް ޗެކުރުމަށް ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދި މިއޮތޯރިޓީގެ ވެބްސައިޓް އިން އޮންލައިންކޮށް ނަންނޯޓު ކުރެއްވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާނެއެވެ.

ޖީ.އެސް.ޓީއަށް އަޙުލުވެރިކުރުމުގެ މިކެމްޕޭނުގެ ދަށުން ރޭވިފައިހުރި އެހެނިހެން ޙަރަކާތްތަކުގެ ތެރޭގައި ޓެކްސްއާބެހޭ އެންމެ ފަހުގެ މަޢުލޫމާތު މިއޮތޯރިޓީގެ ވެބްސައިޓް އަދި މިއޮތޯރިޓީގެ ޓެކްސްޕެޔަރ ސަރވިސް ސެންޓަރުން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ ޓީ.ވީ އަދި ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ދިވެހި ސަރުކާރުގެ ގެޒެޓު، މަޢުލޫމާތު ސީ.ޑީ އަދި ލީފްލެޓް ފަދަ ތަކެތީގެ އެހީގައި މަޢުލޫމާތު ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

18-09-11