މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މުދަލު ޒަކާތް ދެއްކުން އިފްތިތާހުކޮށްފި

މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މުދަލު ޒަކާތް ދެއްކުން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ބާޤިރުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޙްމަދު ޒިޔާދު ވަނީ މުދަލު ޒަކާތުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި މީރާއިން މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ފަހިކުރީ، މީރާއަކީ ދައުލަތަށް ލިބެންޖެހޭ ޓެކުހާއި އެހެނިހެން ފީތައް ބަލައިގަތުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މުއައްސަސާ ކަމަށްވެފައި، ޒަކާތުގެ ފައިސާ ވެސް ރައްކާތެރި ކަމާއެކު އެއް ތަނަކުން ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ. 

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވާހަކަދައްކަވަމުން ވިދާޅުވީ، މީރާގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މުދަލު ޒަކާތް ދެއްކޭނެގޮތް ހަމަޖެހިގެން ދިޔުމުގެ ސަބަބުން، މުދަލު ޒަކާތް ދައްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ އިލްތިޒާމުތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ލުއި ފަސޭހަ ކަމާއެކީ އަދާކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމުގައެވެ. އަދި މި އަހަރުގެ  ތެރޭގައި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މުދަލު ޒަކާތާމެދު ޢާއްމުން ހޭލުންތެރި ކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މުދަލު ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ތަންފީޒުކުރުމުގެ ގޮތުން މީރާއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާ ދެމެދު       27 މާރިޗު 2016 ގައި ސޮއިކުރެވުނު މެމޮރަންޑެމް އޮފް އަންޑަސްޓޭންޑިންގ ގެ ދަށުން 01 ޖޫން 2016 އިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން ދަނީ މީރާއިންނެވެ.  

05-03-18