ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް މި އަހަރުވެސް ވަރަށް ކުލަގަދަކޮށް މީރާއިން މިއަދު ފާހަގަ ކޮށްފިއެވެ.
ސަގާފީ ހެދުމުގައި މީރާގެ އަންހެން މުވައްޒަފުން މިއަދު ހެދުނު އޮފީހަށް ދިޔައިރު، ފިރިހެން މުވައްޒަފުން ވަނީ އެ ކަނބަލުންނަށް ރާނީންގެ އިއްޒަތުގައި ހަތްކޮޅެއްގެ ދަށުން ބޮޑުބެރާއެކު ރަތްދޫލައިގެ މަރުހަބާއެއް ކިޔާފައެވެ. އަދި ހެދުނުގެ ނާސްތާއެއް ވެސް ތައްޔާރު ކޮށްފައިވެއެވެ. މީގެ އިތުރުން އަންހެން މުވައްޒަފުން މަސައްކަތްކުރާ ސްޓޭޝަންތައް ވެސް ޒީނަތްތެރިކޮށް ހާއްސަ ހަދިޔާއެއް ދީފައިވެއެވެ.
"އިސްސަފުގައި މީރާނީން" މި ޝިޢާރާއެކު މިއަދު މީރާއިން ކުރިއަށް ގެންދިޔަ ޙަރަކާތްތައް، މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގައި މީރާގެ މުވައްޒަފުން މިއަދު ހަރަކާތްތެރިވި ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދިޔައެވެ.
މީރާގެ އަންހެން މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެގޮތުން މިއަދު ބޭއްވި އެންމެ ޚާއްޞަ އެއްކަމަކީ ހަވީރު ދަރުބާރު ގޭގައި ބޭއްވި ރަސްމީ ޙަފްލާއެވެ. މި ޙަފްލާގައި މީރާގެ ފިރިހެން މުވައްޒަފުން ވަނީ އަންހެނުންނަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށާއި، އެ ކަނބަލުންނަށް ހަމަހަމަ ފުރުޞަތުދީ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ވަޢުދުވެ އިޤްރާރެއްގައި ސޮއި ކޮށްފައެވެ. އަންހެން މުވައްޒަފުންގެ ޝުޢޫރުތައް ފާޅު ކުރުންވެސް ކުރިއަށްދިޔަ މި ޙަފްލާގައި އެ ކަނބަލުންނަށް ފަރިވަޅެއް ވެސް ދީފައިވެއެވެ.
މި ޙަފްލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވަނީ އަންހެނުން ބާރުވެރި ކުރުވުމަށް ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ކަންތައްތަކުގައި އަންހެނުން ފިރިހެނުންނަށް ބަރޯސާވާ މިންވަރު ކުޑަކޮށް އަމިއްލައަށް ކަންކަން ކުރެވޭ ބަޔަކަށްވޭތޯ މަސައްކަތް ކުރެއްވުމަށް ވެސް އެ މަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
މީރާގައި މި ވަގުތު ވަޒިފާ އަދާ ކުރަމުންދާ 284 މުވައްޒަފުންގެ ތެރެއިން 52 އިންސައްތަ އަކީ އަންހެނުންނެވެ.
މީރާއިން ވަނީ މިދިޔަ އަހަރުވެސް މާރިޗު 8 ވަނަ ދުވަހު ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށް، ހެދުނު އަންހެން މުވައްޒަފުންނަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔާ ހަވީރު ޚާއްޞަ ޙަފްލާއެއް ވެސް ބާއްވާފައެވެ.