ފެބުރުވަރީ މަހު މީރާއިން 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފި

ފެބުރުވަރީ 2018 ގައި މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފިއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %19.4 އިތުރު އަދަދެކެވެ.

ފެބުރުވަރީ މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަޑު ސަބަބުތަކަކީ، ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ބަލަގަނެފައިވާ އަދަދު އިތުރުވުމާއި، 2017 ވަނަ އަހަރު ބަލައިގަނެފައިނުވާ އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ މި މަހުގެ ތެރޭގައި ބަލައިގަނެފައިވުމެވެ. ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް އިތުރުވުމުގެ ސަބަބަކީ ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވާ މިންވަރު %13.6 އިތުރުވެފައިވުމެވެ.

ފެބުރުވަރީ 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %63.7 ނުވަތަ 800.11 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީ އެވެ. އެއީ %9.8 ނުވަތަ 122.88 މިލިއަން ރުފިޔާއެވެ. އަދި ގްރީން ޓެކްސް (77.35 މިލިއަން ރުފިޔާ ނުވަތަ %6.2)، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ (65.61 މިލިއަން ރުފިޔާ ނުވަތަ %5.2)، އެއަރޕޯޓު ސާރވިސް ޗާޖެސް (65.58 މިލިއަން ރުފިޔާ ނުވަތަ %5.2) އަދި އެހެނިހެން ޓެކުހާއި ފީ (124.10 މިލިއަން ރުފިޔާ ނުވަތަ %9.9) ހިމެނެއެވެ.

 

ފެބުރުވަރީ 2018ގައި ބަލަގެންފައިވާ އާމްދަނީގެ ތެރޭގައި 54.5 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

 

12-03-18