ފިޔަވަތީގައި މެޑިކަލް ރޫމެއް ހަދަން ބޭނުންވާ ފައިސާ މީރާގެ މުވައްޒަފުން ހަދިޔާކޮށްފި

ހުޅުމާލޭގެ ފިޔަވަތީގައި މެޑިކަލް ރޫމެއް ހަދަން ބޭނުންވާ ފައިސާ މީރާގެ މުވައްޒަފުން ހަދިޔާކޮށްފިއެވެ. މިއީ، މީރާގެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ކޮންމެ އަހަރަކުވެސް ހިންގާ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އިއްޔެ ހަވީރު ފިޔަވަތީގައި ބޭއްވި މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު، އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް، އުފާވެރި ކުޑަކުދިންގެ ހަވީރެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ހަވީރުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ މުވައްޒަފުން ބައިވެރިވިއެވެ. އަދި ފިޔަވަތީގެ ސީ.އީ.އޯ ފާތިމަތު ޝިޔާމާ އާއި ފިޔަވަތީގެ އިސްވެރިންނާއި މުވައްޒަފުންވެސް ބައިވެރިވިއެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ ދީލަތި އެހީއާއެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއީ މިފަދަ އެތައް ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ.

ފިޔަވަތީގެ ސީ.އީ.އޯ ފާތިމަތު ޝިޔާމާގެ ވާހަކަފުޅުގައި، މީރާއަކީ މުޖުތަމައަށް އެހީތެރިވުމުގައި ނަމޫނާ މުއައްސަސާއެއްކަން ފާހަގަކުރައްވާ ފައިވެއެވެ. އަދި މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކުވެސް ދެއްވާ އެހީތަކަކީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ފޯރުކޮށްދިނުމަށް ވެވޭ ވަރަށްބޮޑު އެހީއެއްކަން ފާހަގަކޮށް މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

14-01-18