ހަފްތާ ބަންދުގައި ރާއްޖޭގެ ދެކުނު ސަރަޙައްދުގައި ޖީ.އެސް.ޓީ ސެމިނަރތަކެއް ހިންގަނީ

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު (ޖީ.އެސް.ޓީ) އަށް އާންމުން އަޙުލުވެރިކުރުމުގެ ޕްރޮގްރާމްގެ ދަަށުން މި ހަފްތާ ބަންދުގައި ރާއްޖޭގެ ދެކުނު ސަރަޙައްދުގައި ޖީ.އެސް.ޓީއާބެހޭ މަޢުލޫމާތު ދިނުމުގެ ސެމިނަރތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއިއެކު ވިޔަފާރިތައް ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރުމަށް އެހީތެރިވެދިނުމަށްވެސް ހަމަޖެހިފައިވެއެވެ. މިގޮތުން މިހުކުރު ދުވަހު އައްޑޫގައި އަދި ހޮނިހިރު ދުވަހު ފުއައްމުލަކުގައި ސެމިނަރ ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ހަމަ މިދަފަ ސެމިނަރއެއް އަންނަ ހަފްތާގެ ތެރޭގައި ހދ އަތޮޅުގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިސެމިނަރތަކަކީ މިއަތޮޅުތަކުގެ ކައުންސިލުތަކުން އިންތިޒާމުކުރައްވައިގެން ހިންގޭ ސެމިނަރތަކެކެވެ.

 

މީގެ އިތުރުން ބަޑޮސް އައިލެންޑް ރިޒޯޓުން އިންތިޒާމް ކުރައްވައިގެން ކައުންސިލް މެމްބަރުންނަށް އަމާޒުކޮށް މި ހަފްތާ ބަންދުތެރޭގައި ހިންގޭ ޓްރޭނިންގ ޕްރޮގްރާމުގައިވެސް ޓެކްސާބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. މީރާގެ މުވައްޒަފުންގެ ދަތިކަމާއި އަދި އެހެނިހެން ވަސީލަތްތައް މަދުކަމުން އެއްފަހަރާ ހުރިހާ އަތޮޅުތަކުގައި ނުބޭއްވުނު ކަމުގައިވިޔަސް، ރާއްޖޭގެ ހުރިހާ އަތޮޅުތަކަށްވެސް ދިއުމަށް ހަމަޖެހިފައިވެއެވެ. އަދި މިފަދަ މަޢުލޫމާތު ދިނުމުގެ ސެމިނަރތައް ބޭއްވުމުގައި ސެމިނަރގެ ކަންތައްތައް އިންތިޒާމްކޮށްދޭ އަތޮޅުތަކަށް ދިއުމުގައި އިސްކަންދެވޭނެއެވެ.

 

މިމަހުގެ 18އިން ފެށިގެން ޖީ.އެސް.ޓީއާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ދުވާލަކު ދެފަހަރު މިއޮތޯރިޓީގައި ބޭއްވެމުންދެއެވެ. މިފަދަ ހުރިހާ ސެޝަނެއްގައިވެސް ޖީ.އެސް.ޓީއާ ބެހޭ މުހިންމު މަޢުލޫމާތު ތަކެއް ބައިވެރިންނާއި ހިއްސާކުރެވޭނެއެވެ. އަދި ބައިވެރިންގެ ސުވާލުތަކަށް ޖަވާބުވެސް އެރުވޭނެއެވެ. މިގޮތުން މިފަދަ 20 ސެޝަނެއް މިހާތަނަށް މާލޭގައި ވަނީ ބޭއްވިފައެވެ. މިސެޝަންތަކުގައި 1000 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

29-09-11