"މިއޮތީ ރަސީދު" ކެމްޕޭންގެ ޑިސެންބަރު މަހުގެ އިނާމުތައް ހަވާލުކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިންގަމުންދާ "މިއޮތީ ރަސީދު" ކެމްޕޭނަށް ޑިސެންބަރު މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށާއި، އެންމެ ގިނަ ތަންތަނުގެ ރަސީދު ފޮނުވި ފަރާތަށް ދޭ ފައިސާގެ އިނާމު ހަވާލުކޮށްފިއެވެ.

މި ގޮތުން ޑިސެންބަރު މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނީ މުޙައްމަދު ރަޝީދުއެވެ. އަދި އެންމެ ގިނަ ތަންތަނުން ރަސީދު ފޮނުވައިގެން އިނާމު ހާސިލުކޮށްފައިވަނީ މުޙައްމަދު އިބްރާހިމްއެވެ. މީރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ފަރާތްތަކަށް ފައިސާގެ އިނާމްތައް ހަވާލުކޮށްދެއްވީ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް އަހުމަދު އަލީއެވެ.

5 ސެޕްޓެންބަރު އިން ފެށިގެން 28 ފެބުރުވަރީ 2018 ގެ ނިޔަލަށް ހިންގަމުންދާ މި ކެމްޕެއިންގައި ކޮންމެ މަހަކު ދެވޭ އިނާމުތަކުގެ ތެރޭގައި މައުލޫމާތު ފުރިހަމަނުވާ ރަސީދު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާ އަދި އެންމެ ގިނަ ރަސީދު ހުށަހަޅާ ފަރާތަކަށް 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ އިތުރުން މުޅި ކެމްޕޭންގެ މުއްދަތުގައި އެންމެ ގިނަ ތަންތަނުން ރަސީދު ހުށަހަޅާ ފަރާތަކަށް 32,000 (ތިރީސް ދެ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މި ކެމްޕޭންގައި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަދިވެސް ފުރުސަތު އޮތްކަން ފާހަނގަކޮށް އަދި މި ފަރާތްތަކުން  ހޯދާ ރަސީދުގައި އެ ފަރާތެއްގެ ފޯނު ނަންބަރު ލިޔުމަށްފަހު އެ ރަސީދުގެ ފޮޓޯއެއް 9551415 އަށް ވައިބަރ ކުރުމަށް އެ އޮތޯރިޓީން އެދިލައްވައެވެ.  

11-01-18