ޖީ.އެސް.ޓީ ހަވީރަކާއި ޑޯ-ޓު-ޑޯ ކެމްޕޭންއެއް ހިންގަނީ

02 އޮކްޓޯބަރ 2011އިން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުންޓެކްސް ނެގުމުގެ ޤާނޫނަށް (ޖީ.އެސް.ޓީ އަށް) ޢަމަލުކުރަން ހަމަޖެހުމާއި ގުޅިގެން، ޖީ.އެސް.ޓީ އަށް އަޙުލުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން މިޓެކުހާގުޅޭ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދިނުމުގެގޮތުން ޖީ.އެސް.ޓީ ހަވީރެއް ބޭއްވުމަށް ވަނީ ކަޑައެޅިފައެވެ.

 

މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރ 2011 ވާ ހުކުރު ދުވަހު، ހެންވޭރު ރާޅުގަނޑު ސަރަޙައްދުގައާއި މާފަންނު ޑްރައިވިން ލައިސަންސް ނެގުމަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދުގައެވެ. މި ސަރަޙައްދުގައި ޖެހޭ ޓެންޓުތަކުގައި މިއޮތޯރިޓީގެ މުވައްޒަފުން ޙަރަކާތްތެރިވާނެއެވެ. އަދި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޖީ.އެސް.ޓީއާ ބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. މި ޙަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަހު ހަވީރު 04.00 ން އިރުއޮއްސި 07.00 އަށެވެ.

 

މީގެ އިތުރުން ޓެކްސްއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް(ޖީ.އެސް.ޓީ) ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ނުކުރެވި ވާ ފަރާތްތައް ރަޖީސްޓްރީކުރުމުގައި އެހީތެރިވެ ދިނުމަށް"ޖީ.އެސް.ޓީ ޑޯރ.ޓު.ޑޯރ ރަޖިސްޓްރޭޝަން ކެމްޕޭން" ގެ ނަމުގައި ހުޅުމާލެއާއި ވިލިގިއްޔަށް ހާއްސަކޮށްގެން، 01 އޮކޮޓޯބަރ 2011 ވާ ހޮނިހިރު ދުވަހު ކެމްޕޭނެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

 

މި ކެމްޕޭންގެދަށުން ހުޅުމާލެއާއި ވިލިގިލީގެ ވިޔަފާރިތަކަށް މިއޮތޯރިޓީގެ މުވައްޒަފުންގެ ޓީމްތައް ޒިޔާރަތްކޮށް ވިޔަފާރި ކުރާ ފަރާތްތައް ރަޖިސްޓްރީ ކޮށްފައިވޭތޯ ބަލައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމާއި، ފޯމް ފުރާނެ ގޮތުގެ މައުލޫމާތާއި، އަދި ޖީ.އެސް.ޓީއާ ބެހޭގޮތުން ބޭނުންތެރި މަޢުލޫމާތުތަކެއް ހިމެނޭ ކިޓުތަކެއް ބެހުމަށް ހަމަޖެހިފައިވެއެވެ.

29-09-11