ދިވެހިރާއްޖޭގެ ވިޔަފާރިކުރާ ބޭރުގެ ފަރާތްތަކަކީ، މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށް މީރާއިން އިލްތިމާސްކޮށްފި

ދިވެހިރާއްޖޭގެ ވިޔަފާރިކުރާ ބޭރުގެ ފަރާތްތަކަކީ، ޓެކްސް ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކެއްތޯ ބެލުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.

 މި ސަރކިއުލަރގައި ބަޔާންކޮށްފައިވާގޮތުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ބޭނުމަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވިޔަސް، ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކޮށް، ޓެކްސްގެ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް ފުރިހަމައަށް އަދާކުރަންޖެހޭ ފަރާތްތަކެކެވެ.

ދިވެހިރާއްޖޭގައި ހިންގާ އެކި މަސައްކަތްތައް، ބޭރުގެ ފަރާތްތަކާ ހަވާލުކުރެއްވުމުގެ ކުރިން ނުވަތަ އެފަދަ ފަރާތަކުން އެ ނޫންވެސް ޚިދުމަތެއް ދިވެހިރާއްޖޭގައި ހޯއްދެވުމުގެ ކުރިން، އެ ފަރާތަކީ މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން ކަށަވަރުކުރެއްވުމަށް މީރާއިން އިލްތިމާސްކުރެއެވެ. އަދި، އެ މަސައްކަތުގެ އަގަކީ ނުވަތަ ޚިދުމަތުގެ އަގަކީ 1 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއްކަމުގައި ވާނަމަ، އެ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތަކީ މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން ކަށަވަރުކުރެއްވުމަށް ވެސް މީރާއިން އަންގައެވެ.

ގުޅުންހުރި ލިޔުންތައް

·         https://www.mira.gov.mv/circulars/registration-of-foreigners-conducting-business-activities-in-the-maldives-dhivehi.pdf

28-12-17