ވިޔަފާރިވެރިންނަށް ހިސާބުބަލަހައްޓާ ސޮފްޓްވެއަރއާއި ކޮމްޕިއުޓަރ ހާޑްވެއަށް ފޯރުކޮށްދޭން ފަށަނީ

ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ސޮފްޓްވެއަރއެއް ނުގެންގުޅޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޮމްޕިއުޓަރ ސޮފްޓްވެއަރ ސަރުކާރުން ހިލޭ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވުމާއިއެކު، ސޮޕްޓްވެއަރ ހޯދާ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ. މިއީ ވިޔަފާރިވެރިން ޖީ.އެސް.ޓީ ނެގުމަށް އެހީތެރިވެދިނުމުގެގޮތުން ކޮންދިނުމަށް ސަރުކާރުން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ކެމެކެވެ. މިސޮފްޓްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރއަށް ހުޅުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނެޝެނަލް ޓެންޑަރ އިވެލުއޭޝަން ބޯޑުން މިހާރު ކުރައްވަމުން އެބަ ގެންދަވައެވެ. 

 

ސޮފްޓްވެއަރ ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން، އެކަމަށް ބޭނުންވާ ކޮމްޕިއުޓަރ ހާޑްވެއަރވެސް ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން އެވިޔަފާރިއަކުން ކުރިއަށްއޮތް މުއްދަތުތަކުގައި ދައްކަންޖެހޭ ޖީ.އެސް.ޓީގެ ޢަދަދުން ކެނޑޭގޮތަށް ވިޔަފާރިތަކަށް ދޫކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި މިގޮތަށް ކޮމްޕިއުޓަރ ސޮފްޓްވެއަރއާއި އެއަށްބޭނުންވާ ހާޑްވެއަރ ދޫކުރެވޭނީ ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށެވެ. މިގޮތުން މިސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ސްކޭނަރތައް ފޯރުކޮށްދެވޭނެ ފަރާތެއް އައިޑެންޓިފައިކުރުމުގެ މަސައްކަތް މިއޮތޯރިޓީއިން މިހާރު މިދަނީ ކުރަމުންނެވެ.  

 

މީގެ އިތުރުން، މިސޮފްޓްވެއަރތައް މެދުވެރިކޮށް ހިސާބުތައް ބެލެހެއްޓެންދެން، މެނުއަލްކޮށް ކުރިއަށް އޮތް 3 މަސްދުވަސް ވަންދެން ހިސާބުތައް ބެލެހެއްޓުމަށްޓަކައި "ޖީ.އެސް.ޓީ ހިސާބު ބަލަހައްޓާ ފޮތް" ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ވިޔަފާރިވެރިންނާއި އެކު ބޭއްވުނު އެކިއެކި ބައްދަލުވުންތަކުގައާއި އަދި އެނޫންގޮތްގޮތުންވެސް ވިޔަފާރިވެރިންގެ ފަރާތުން ލިބިފައިވާ ޚިޔާލުތަކަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ. އަދި މިފޮތަކީ މެނުއަލްކޮށް ހިސާބުތައް ބަލަހައްޓާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތައްޔާރުކުރެވޭ ފޮތެކެވެ. އަދި މިފޮތުގައި ވިޔަފާރީގެ ހިސާބުތައް ބެލެހެއްޓުމުގައި ބޭނުނެްކުރެވޭނެ ވިކުރާ އަދި ހިސާބުތައް ބެލެހެއްޓުމަށް ބޭނުންވާނެ އެހެނިހެން ތާވަލްތަކުގެ ފޯމެޓުތަކާއި، އަދި އެތާވަލްތައް ފުރުމުގައި ބޭނުންވާނެ އެހީތެރިކަމާއި މަޢުލޫމާތު ހިމެނޭނެއެވެ.

29-09-11