"މިއޮތީ ރަސީދު" ކެމްޕޭންގެ ނޮވެންބަރު މަހުގެ އިނާމުތައް ހަވާލުކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިންގަމުންދާ "މިއޮތީ ރަސީދު" ކެމްޕޭނަށް ނޮވެންބަރު މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށާއި، އެންމެ ގިނަ ތަންތަނުގެ ރަސީދު ފޮނުވި ފަރާތަށް ދޭ ފައިސާގެ އިނާމު ހަވާލުކޮށްފިއެވެ.

 

މި ގޮތުން ނޮވެންބަރު މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނީ ޢަލީ ހަބީބުއެވެ. އަދި އެންމެ ގިނަ ތަންތަނުން ރަސީދު ފޮނުވައިގެން އިނާމު ހާސިލުކޮށްފައިވަނީ މުޙައްމަދު އިބްރާހިމްއެވެ. މީރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ފަރާތްތަކަށް ފައިސާގެ އިނާމްތައް ހަވާލުކޮށްދެއްވީ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް އަހުމަދު ޝަރީފްއެވެ.

 

5 ސެޕްޓެންބަރު އިން ފެށިގެން 28 ފެބުރުވަރީ 2018 ގެ ނިޔަލަށް ހިންގަމުންދާ މި ކެމްޕެއިންގައި ކޮންމެ މަހަކު ދެވޭ އިނާމުތަކުގެ ތެރޭގައި މައުލޫމާތު ފުރިހަމަނުވާ ރަސީދު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާ އަދި އެންމެ ގިނަ ރަސީދު ހުށަހަޅާ ފަރާތަކަށް 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ އިތުރުން މުޅި ކެމްޕޭންގެ މުއްދަތުގައި އެންމެ ގިނަ ތަންތަނުން ރަސީދު ހުށަހަޅާ ފަރާތަކަށް 32,000 (ތިރީސް ދެ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

 

 މި ކެމްޕޭންގައި މިހާތަނަށް 37،306 ރަސީދު މީރާ އަށް ލިބިފައިވެއެވެ.

07-12-17