2015 ވަނަ އަހަރު ޔޫރަޕިއަން ޔުނިއަން (އީ.ޔޫ) އިން ނެރެފައިވާ "އަ ފެއަރ އެންޑް އެފިޝަންޓް ކޯޕަރޭޓް ޓެކްސް ސިސްޓަމް އިން ދި ޔޫރަޕިއަން ޔުނިއަން" ރިޕޯޓުގައި ހިމަނާފައިވާ "ނޮން-ކޯޕަރޭޓިވް ޓެކްސް ޖުރިސްޑިކްޝަން" ގެ ލިސްޓުން ދިވެހިރާއްޖެ އުނިކޮށް 17 ގައުމެއް، 5 ޑިސެންބަރު 2017 ގައި އީ.ޔޫ.އިން ބްލެކްލިސްޓްކޮށްފިއެވެ.
2015 ވަނަ އަހަރު ނެރެފައިވާ ލިސްޓުގައި ދިވެހިރާއްޖެ ހިމެނިފައިވާތީ، ދިވެހިރާއްޖެ އެލިސްޓުގައި ހިމެނިފައިވާ ސަބަބުތައް ބަލައި ދިވެހިރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާ ކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އާއި ދިވެހި ސަރުކާރުން ކުރެއްވެވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެ މި ލިސްޓުން އުނިކުރެވިފައިވަނީ އީ.ޔޫގެ އިރުޝާދުގެ ދަށުން ދިވެހި ސަރުކާރުން އެޅުއްވެވި އަވަސް ފިޔަވަޅުތަކެއްގެ ސަބަބުންނެވެ.
އީ.ޔޫގެ "ނޮން-ކޯޕަރޭޓިވް ޓެކްސް ޖުރިސްޑިކްޝަން"ގެ ބްލެކްލިސްޓުން ދިވެހިރާއްޖޭގެ ނަން އުނިކުރެވިފައިވަނީ ބައިނަލް އަގްވާމީ ޓެކުހުގެ މުޖުތަމައުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށް ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އޮގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑެވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ) ގެ "ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރެންސީ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ފޮރ ޓެކްސް ޕަރޕަސަސް"ގެ މެމްބަރަކަށް ދިވެހިރާއްޖެވުމަށާއި ބައިނަލް އަގްވާމީ ޓެކުހުގެ މައިދާނުގައި ޓެކުހަށް މަކަރުހެދުން ހުއްޓުމުވަށް އޯ.އީ.ސީ.ޑީ އާއި ޖީ.20 ގެ މެމްބަރު ގައުމުތަކުން އެކުލަވާލާފައިވާ "އިންކްލޫސިވް ފްރޭމްވާރކް" ގެ މެމްބަރަކަށް ދިވެހިރާއްޖެ ވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، ދިވެހިރާއްޖެއަކީ މި ދެ ޖަމްއިއްޔާއްގެ މެމްބަރަކަށްވުމުންނާއި، އަދި މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާތީއެވެ.
ދިވެހިރާއްޖެއަކީ ޓެކްސްއަށް މަކަރުހަދާ ފަރާތްތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ ގައުމަކަށް ހެދުމަށް ދިވެހިރާއްޖޭގެ ޓެކްސް އޮތޯރިޓީއިން ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި އީ.ޔޫ އިން އިސްނަގައިގެން ބައިނަލް އަގްވާމީ ޓެކުހުގެ ނިޒާމް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުގެ އެއްބާރުލުމާއި ބައިވެރިވުން ދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ފިނޭންސް ވެސް ވަނީ އީ.ޔޫ އަށް ދެއްވާފައެވެ.