ޓެކްސްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ފަށައިފި

ޓެކްސްތަކާއި ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކަށާއި ޢާންމުންނަށް މަޢުލޫމާތު ދިނުމަށާއި ޓެކްސްތަކާއި ގުޅުންހުރި ފަރާތްތައް އަހުލުވެރިކުރުވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ދަށުން އާ ހަރަކާތްތަކެއް ފަށައިފިއެވެ.

 

މި ގޮތުން ދިވެހިރާއްޖޭގެ ޓެކްސް ސިސްޓަމާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ އާމްދަނީއިން ޓެކްސް ނެގުމުގެ އުސޫލްތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށާއި ޢާންމުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމަށް ޕަބްލިކް ލެކްޗަރއެއް 14ޑިސެމްބަރ 2011 ވާ ބުދަ ދުވަހުގެ 20:30ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާ (އަމީނީމަގު)ގެ އޮޑިޓޯރިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން އެއޮތޯރިޓީއަށް ފޮނުއްވާފައިވާ ކޮންސަލްޓަންޓް ޕްރޮފެސަރ ޑރ. ކެވިން ހޯމްސްއެވެ.

 

ވިޔަފާރި ފައިދާއިން ނަގާ ޓެކްސް ނުވަތަ ބިޒްނަން ޕްރޮފިޓް ޓެކްސް (ބީ.ޕީ.ޓީ) އާއި ބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުންތަކެއް މި މަހުގެ 11 އިން ފެށިގެން 15 އަށް ކުރިއަށްދާނެއެވެ.  އަދި މީގެ އިތުރުން، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް (ޖީ.އެސް.ޓީ) ނެގުމުގެ ޤާނޫނާއި ގަވާއިދާ ބެހޭގޮތުން ޢާންމުންނަށް މަޢުލޫމާތު ދިނުމަށް ބައްދަލުވުންތަކެއް ކުރިއަށްއޮތް ހަފްތާއަށްވެސް ރޭވިފައި ވެއެވެ. މި ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން www.mira.gov.mv މެދުވެރިކޮށް އޮންލައިންކޮށް އަދި މިއޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވައިގެން ނަންނޯޓުކުރެވޭނެއެވެ.

14-12-11