ކުޑަހުވަދޫ އަދި ނިލަންދޫ ގެ މީރާގެ ކަލެކްޝަން ސެންޓަރ ހުޅުވައިފިި

ދ. ކުޑަހުވަދޫ އަދި ފ. ނިލަންދޫ ގެ މީރާގެ ކަލެކްޝަން ސެންޓަރު މިއަދު ހުޅުވައިފިއެވެ.

ކުޑަހުވަދޫ ކަލެކްޝަން ސެންޓަރ ހުޅުވުމުގެ ގޮތުން ހެދުނު ބޭއްވި ރަސްމިއްޔާތުގައި އެ އޮފީސް ހުޅުއްވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ދ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝާފިއުއާއި ކުޑަހުވަދޫގެ ރަށު ކައުންސިލްގެ ރައީސް އަޙްމަދު ޝާމްއެވެ. ހަވީރު ބޭއްވި ނިލަންދޫ ކަލެކްޝަން ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ އޮފީސް ހުޅުއްވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ފ އަތޮޅު ކައުންސިލްގެ ރައީސް އުމަރު ޒާހިރާއި ނިލަންދޫ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލެވެ.

ކުޑަހުވަދޫ އަދި ނިލަންދޫ ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށާއި، މި އަހަރުގެ ތެރޭގައި އިތުރު އެހެން އަތޮޅުތަކެއްގައި ވެސް މީރާގެ ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއްވައެވެ. މީރާގެ އޮފީސްތައް 12 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.

އަތޮޅު ތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބެއެވެ. އޭގެތެރޭގައި ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހާއި، މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވެއެވެ. 

19-10-17