ޓެކްސް އޭޖެންޓުންގެ މަސައްކަތް ހުއްދަނެތި ކޮށްދޭ ފަރާތްތަކާމެދު ސަމާލުވުމަށް މީރާއިން އިލްތިމާސް ކޮށްފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރެފައިވާ ސަރކިއުލަރގައި ވާގޮތުން، ޓެކުހުގެ ބޭނުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި، ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުގެ އަދަދުތައް ހިސާބުކުރުމުގެ މަސައްކަތް މީރާއިން ހުއްދަ ދީފައިވާ ޓެކްސް އޭޖެންޓުން ނޫން އެހެން ފަރާތްތަކުން ކުރަމުން ދާކަން ފާހަގަ ކޮށްފައިވެއެވެ. އެފަދަ ބައެއް ފަރާތްތަކުން ތައްޔާރުކުރާ ލިޔެކިޔުންތަކާއި ހިސާބުތައް ތައްޔާރުކޮށްފައި ހުންނަނީ، ޓެކުހާ ގުޅޭ އެކަށީގެންވާ ސައްހަ މައުލޫމާތު ނުލިބިކަމަށާއި އޭގެ ސަބަބުން ޓެކްސްދައްކާ ބައެއް ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާކަންވެސް އެ އޮތޯރިޓީން ފާހަގަ ކުރެއެވެ.
ޓެކުހުގެ މުއާމަލާތްތަކަކީ ފައިސާއާއި ގުޅުންހުރި މަސައްކަތަކަށްވާތީ، މި ފަދަ މުހިންމު މަސައްކަތެއް ވަކި ފަރާތަކާ ހަވާލުކުރުމުގެ ކުރިން އެ ފަރާތަކީ މީރާގެ ހުއްދަ ލިބިފައިވާ ޓެކްސް އޭޖެންޓެއްތޯ ޔަޤީންކުރުން މުހިއްމުކަމަށް އެ އޮތޯރިޓީން ބަޔާންކުރެއެވެ.
މީރާގެ ހުއްދަ ލިބިފައިވާ ޓެކްސް އޭޖެންޓުންގެ ލިސްޓް މީރާގެ ވެބްސައިޓް (www.mira.gov.mv) އިން ލިބެންހުންނާނެއެވެ.
ގުޅުންހުރި ލިޔުންތައް:
https://www.mira.gov.mv/circulars/Circular_08.pdf