"މިއޮތީ ރަސީދު" ކެމްޕޭންގެ ސެޕްޓެންބަރު މަހުގެ އިނާމުތައް ހަވާލުކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިންގަމުންދާ "މިއޮތީ ރަސީދު" ކެމްޕޭނަށް ސެޕްޓެންބަރު މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށާއި، އެންމެ ގިނަ ތަންތަނުގެ ރަސީދު ފޮނުވި ފަރާތަށް ދޭ ފައިސާގެ އިނާމު ހަވާލުކޮށްފިއެވެ.

މި ގޮތުން ސެޕްޓެންބަރު މަހު ގުރުއަތުން ހޮވުނީ ހަސަން ފައުރާން ފަރުހަތުއެވެ. އަދި އެންމެ ގިނަ ތަންތަނުން ރަސީދު ފޮނުވައިގެން އިނާމު ހާސިލުކޮށްފައިވަނީ މުޙައްމަދު އިބްރާހިމްއެވެ.

 

މިއަދު މީރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ފަރާތްތަކަށް ފައިސާގެ އިނާމްތައް ހަވާލުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދެވެ. މި ހަފުލާގައި ކޮމިޝަނަރ ޖެނެރަލް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ މިފަދަ ކެމްޕޭނެއް ހިންގުމުގެ މަގުސަދަކީ ވިޔަފާރިވެރިން އެ ފަރާތްތަކުގެ ވިޔަފާރިތަކުން މުދާ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރަސީދު ދޫކުރުމަށް ބާރުއެޅުމެވެ. އަދި މިއީ ވިޔަފާރީގެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ވެސް ހިންގި ކެމްޕޭންއެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ކެމްޕޭނުގެ ސަބަބުން މި އާދަ ވިޔަފާރިވެރިން ކިބައިގައި އަށަގަންނާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

 

5 ސެޕްޓެންބަރު އިން ފެށިގެން 28 ފެބުރުވަރީ 2018 ގެ ނިޔަލަށް ހިންގަމުންދާ މި ކެމްޕެއިންގައި ކޮންމެ މަހަކު ދެވޭ އިނާމުތަކުގެ ތެރޭގައި މައުލޫމާތު ފުރިހަމަނުވާ ރަސީދު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާ އަދި އެންމެ ގިނަ ރަސީދު ހުށަހަޅާ ފަރާތަކަށް 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ އިތުރުން މުޅި ކެމްޕޭންގެ މުއްދަތުގައި އެންމެ ގިނަ ތަންތަނުން ރަސީދު ހުށަހަޅާ ފަރާތަކަށް 32,000 (ތިރީސް ދެ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ. މި ކެމްޕޭންގައި ސެޕްޓެންބަރު މަހު އެކަނިވެސް 14,447 ރަސީދު މީރާ އަށް ލިބިފައިވެއެވެ.

11-10-17