ދިއްދޫ އަދި ފުނަދޫ ގެ މީރާގެ ކަލެކްޝަން ސެންޓަރ ހުޅުވައިފިި

ހއ. ދިއްދޫ އަދި ށ. ފުނަދޫ ގެ މީރާގެ ކަލެކްޝަން ސެންޓަރު މިއަދު ހުޅުވައިފިއެވެ.

ދިއްދޫ ކަލެކްޝަން ސެންޓަރ ހުޅުވުމުގެ ގޮތުން ހެދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ހއ. އަތޮޅު ކައުންސިލްގެ ނާއިބް ރައީސް ޢަލީ ޝަމީމެވެ. ހަވީރު ބޭއްވި ފުނަދޫ ކަލެކްޝަން ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ށ. އަތޮޅު ކައުންސިލްގެ ރައީސް އަޙުމަދު ޢާރިފެވެ.

ދިއްދޫ އަދި ފުނަދޫ ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށާއި، މި އަހަރުގެ ތެރޭގައި އިތުރު އެހެން އަތޮޅުތަކެއްގައި ވެސް މީރާގެ ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއްވައެވެ. މީރާގެ އޮފީސްތައް 12 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.

އަތޮޅު ތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބެއެވެ. އޭގެތެރޭގައި ވިޔަފާރިތައް ޓެކްސްތަކަށް ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހާއި، މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވެއެވެ. 

28-09-17