ގިރާވަރު ޓޫރިސްޓް ރިޒޯޓުން ދައްކަންޖެހޭ ލީސްރެންޓް ޖޫރިމަނާ ހޯދުމަށް މީރާއިން އަލުން ކޯޓަށް ހުށަހަޅައިފި

މ. ސްނޯރޯސް، އަލްފާޟިލް ޢަބްދުއްރަޢޫފު ކުއްޔަށް ހިއްޕަވާފައިވާ ގިރާވަރު ޓޫރިސްޓް ރިޒޯޓުގެ ކުލީގެ ގޮތުގައި އެފަރާތުން ދިވެހި ދަޢުލަތަށް ދައްކަންޖެހިވަޑައިގަންނަވާ ލީސް ރެންޓް ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކެވުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށް މިއޮތޯރިޓީއިން ސިވިލް ކޯޓުގައި ދަޢުވާކުރުމުން، އެކޯޓުގެ ޤަޟިއްޔާ ނަންބަރު 1479/Cv-C/2011 އިން އެމައްސަލަ ބެއްލެވުމަށްފަހު، ޓެކްސްގެ ގޮތުގައި ނުހިމެނޭ ކުއްޔާއި، އެފަދަ ކުއްޔާއި ގުޅޭގޮތުން ނަގާ ޖޫރިމަނާއެއް ނެގުމުގެ ބާރު މިއޮތޯރިޓީއަށް ލިބިގެން ނުވާކަމަށް 12 ޖެނުއަރީ 2012 ވަނަ ދުވަހު ސިވިލް ކޯޓުން ޙުކުމް ކުރެއްވުމާއި ގުޅިގެން، މީރާއަށް ބަލައިގަންނަ ޓެކްސްއަށްނުވާ ފައިސާ މިއޮތޯރިޓީއަށް ދައްކަން ނުޖެހޭނެކަމަށާއި، އެފަދަ ފައިސާ ނުދައްކާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ބާރު މިއޮތޯރިޓީއަށް ލިބިގެން ނުވާކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަވަމުން ގެންދަވައެވެ.

މިއޮތޯރިޓީގެ އިޚްތިޞާސް ކަނޑައެޅިފައިވާ ޤާނޫނަކީ ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ކަމަށްވެފައި ޙަވާލާދެވުނު ޤަޟިއްޔާއިން ބެއްލެވި މައްސަލައިގެ ދަޢުވާ މިއޮތޯރިޓީއަށް އުފުލާފައިވާނީ އެޤާނޫނުގެ ދަށުންނެވެ. މައްސަލައިގެ އަޑުއެހުންތައް ނިންމަވާލެއްވުމާއި، އެމައްސަލައިގެ ޙުކުމް 12 ޖެނުއަރީ 2012 ގައި ކުރެއްވުމާއި ދެމެދު ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)އަށް އިޞްލާޙެއް ވަނީ ގެނެވިފައެވެ. ނަމަވެސް ޙަވާލާދެވުނު ޤަޟިއްޔާ ހުށަހެޅިފައިވަނީ ޤާނޫނު ނަންބަރު 2011/14 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ތަޞްދީޤުކުރެއްވުމުގެ ކުރިންކަމުގައިވާތީ، މިމައްސަލަ ނިންމެވުމުގައި ޤާނޫނު ނަންބަރު 2011/14 އަށް ރިޢާޔަތް ނުކުރައްވާކަމަށް އެމައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގައި ފާހަގަ ކުރައްވާފައިވެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނެވުނު މިއިޞްލާޙުގެ ދަށުން، މީރާއަށް ދެއްކުމަށް އެއްވެސް ފަރާތަކަށް ލާޒިމުކުރާ ފީއެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ޖޫރިމަނާއެއް، ނުވަތަ އެހެންވެސް ފައިސާއެއް، އެފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެފައިސާ އެފަރާތުން ހޯދުމުގައި، ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަން ލާޒިމުކުރާ ފަރާތަކުން ދައްކަންޖެހި ނުދައްކާ އޮތް ޓެކްސްއެއް އެފަރާތުން ހޯދުމުގައި މިއޮތޯރިޓީއިން ޢަމަލުކުރާ އުޞޫލުން ޢަމަލުކުރުމުގެ ބާރު މިއޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެހެންކަމުން، ޓެކްސްއަށްނުވާ ފައިސާ ލިބިގަތުމާއި އެފަދަ ފައިސާ ހޯދުމުގެ ބާރު މިއޮތޯރިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމަށް މިއޮތޯރިޓީއިން ޤަބޫލުކުރަމެވެ.

ޤާނޫނު ނަންބަރު 2011/14 ތަޞްދީޤުކުރެއްވުމާއި ގުޅިގެން، ޙަވާލާދެވުނު ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވާ މ. ސްނޯރޯސް، އަލްފާޟިލް ޢަބްދުއްރަޢޫފުގެ މައްސަލަ މިހާރު ވާނީ އައު މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

30-01-12