ޖެނުއަރީ މަހު ބީ.ޕީ.ޓީ އަދި ޖީ.އެސް.ޓީގެ ގޮތުގައި 540 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

2012 ވަނަ އަހަރުގެ ޖެނުއަރީ މަހު ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ) އަދި މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ)ގެ ގޮތުގައި 540 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. މީގެތެރެއިން 373 މިލިއަނަށްވުރެ ގިނަ ރުފިޔާ އަކީ ބީ.ޕީ.ޓީގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އަދި ޖީ.އެސް.ޓީގެ ގޮތުގައި 167 މިލިއަނަށްވުރެ ގިނަ ރުފިޔާ މިމުއްދަތުގައި ލިބިފައިވެއެވެ. މިގޮތުން މިދެޓެކްސްއިން ލިބިފައި މިވާ ޖުމްލަ ފައިސާގެ ތެރެއިން 442 މިލިޔަނަށްވުރެ ގިނަ ފައިސާ ދިވެހި ރުފިޔާއިން ލިބިފައިވާއިރު، 98.5 މިލިޔަން ރުފިޔާއަށްވުރެ ގިނަ ފައިސާ ލިބިފައިވަނީ ޑޮލަރުންނެވެ.

 

ބީ.ޕީ.ޓީގެ ގޮތުގައި ލިބިފައިމިވާ ޢާމްދަނީގެ ތެރޭގައި، 2011 ވަނަ އަހަރަށް ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން 18 ޖުލައި 2011 އިން ފެށިގެން އެފަރާތްތަކުގެ ހިސާބުކުރުމުގެ މުއްދަތު ނިމުނު ތާރީޚާއި ދެމެދު ވެފައިވާ ވިޔަފާރީގެ ފައިދާއިން ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓްގެ ފައިސާގެ އިތުރުން ދިވެހިރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ބީ.ޕީ.ޓީގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާފަދަ ކަމަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ ފައިސާއިން ނެގޭ ވިތުހޯލްޑިންގ ޓެކްސް ހިމެނެއެވެ. 2011ވަނަ އަހަރުގެ ބީ.ޕީޓީގެ އިންޓެރިމް ޕޭމަންޓް ދައްކަންޖެހެނީ 31 ޖެނުއަރީ 2012ގެ ކުރިންނެވެ. ވިތްހޯލްޑިންގ ޓެކްސް ދައްކަން ޖެހެނީ އެފައިސާ ދެއްކި ދުވަސް ހިމެނޭ މަހާއި ވިދިގެން އަންނަ މަހުގެ 15ވަނަ ދުވަހުގެ ކުރިންނެވެ.

                         

މީގެ އިތުރުން، ޖީ.އެސް.ޓީ ގޮތުގައި ޖެނުއަރީ މަހު ލިބުނު ޢާމްދަނީގެ ތެރޭގައި، ތިން މަހުން އެއްމަހު ޖީ.އެސް.ޓީ ދައްކަން ޖެހޭ ފަރާތްތަކުގެ 2011 ވަނައަހަރުގެ އޮކްޓޯބަރ، ނޮވެމްބަރ އަދި ޑިސެމްބަރުގެ ޖީ.އެސް.ޓީގެ ފައިސާގެ އިތުރުން މަހަކު އެއްފަހަރު ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތްތަކުގެ ޑިސެމްބަރ 2011ގެ ޖީ.އެސް.ޓީގެ ފައިސާ ހިމެނެއެވެ. ޖީ.އެސް.ޓީ ދައްކަންޖެހެނީ ޓެކްސްނެގޭ މުއްދަތު ނިމޭ ތާރީޚާއި ވިދިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.

 

ޖެނުއަރީ މަހު ބީ.ޕީ.ޓީ އާއި ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު މިޢާމްދަނީގެ ތެރޭގައި ހިމެނެނީ ހަމައެކަނި ސީދާ މީރާއަށް ބަލައިގަނެވިފައިވާ ފައިސާ ކަމަށާއި މިމުއްދަތުގައި އަތޮޅު ކައުންސިލްގެ އިދާރާތަކުން ބަލައިގަނެވިފައިވާ ޓެކްސްގެ ފައިސާ މިޢާމްދަނީގެ ތެރޭގައި ނުހިމެނެއެވެ.

09-02-12