ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީ 2 ބިލިއަން ރުފިޔާ އަށްވުރެ އިތުރުވެއްޖެ

ފާއިތުވި ޖުލައި މަހު މީރާއަށް 2.1 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ހާމަ ކުރައްވައިފިއެވެ. މިއީ، މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު 54.8% އިތުރު އަދަދެކެވެ. މި އަހަރުގެ ޖަނަވަރީ މަހުވެސް މީރާއަށް ލިބުނު އާމްދަނީ ވަނީ 2 ބިލިއަން ރުފިޔާއަށްވުރެ އިތުރު ވެފައެވެ.

މި އަހަރުގެ ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީ.ޕީ.ޓީއެވެ. އެއީ ޖުލައި މަހު ލިބުނު ޖުމުލަ އާމްދަނީގެ %42.9 ނުވަތަ 892.8 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ (%30.9 ނުވަތަ 642.4 މިލިއަން ރުފިޔާ) އިންނެވެ.  މީގެ އިތުރުން، ބޭންކް ޕްރޮފިޓް ޓެކްސް (%8.3 ނުވަތަ 171.8 މިލިއަން ރުފިޔާ) ޓޫރިޒަމް ލޭންޑް ރެންޓް (%6.7 ނުވަތަ 158.2 މިލިއަން ރުފިޔާ) އަދި ގްރީން ޓެކްސްގެ ގޮތުގައި (%2.5 ނުވަތަ 51.1 މިލިއަން ރުފިޔާ) ލިބިފައިވާކަން ފާހަގަ ކުރެވެއެވެ.

ޖުލައި 2017 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 53.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި ވެސް އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ. 

 

ގުޅުންހުރި ލިޔުންތައް

·         https://www.mira.gov.mv/reports/July17.pdf

14-08-17