ނޫސްބަޔާން - ޓެކްސްއާބެހޭ ޤާނޫނުތައް ތަންފީޒުކުރުން

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފެދިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މައިގަނޑު މަޤްޞަދު ތަކުގެ ތެރޭގައި ހިމެނެނީ ޓެކްސްއާބެހޭ ޤާނޫނުތައް ތަންފީޒުކުރުމާއި، ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުމާއި، ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމެވެ. އެހެންކަމުން ދައުލަތަށް ނެގޭ ޓެކްސްތައް ނެގުމުގައި މީރާގެ ދައުރަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާ ޓެކްސްއާބެހޭ ޤާނޫނުތައް ތަންފީޒުކުރުމެވެ. މިގޮތުން ފާސްކުރެވޭ ޤާނޫނެއްގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ބަދަލުކުރުމުގެ، ނުވަތަ އެއިން ކަމަކަށް ލުޔެއް ދިނުމުގެ ބާރެއް މީރާއަށް ލިބިގެނެއްނުވެއެވެ.

ކަން މިހެން އޮތްއިރު، މިހާރަކަށް އައިސް ވަރަށް ގިނަ ފަރާތްތަކުން، ޓެކްސް ނުދެއްކުމަށް ނުވަތަ ޓެކްސް ދައްކަން ނުޖެހޭނެކަމަށް ނުވަތަ ޓެކްސް ނެގުމުގައި ލުއިތަކެއް ދީފައިވާކަމަށް ވާހަކަދައްކަވަމުން ގެންދަވާތީއާއި، މިފަދަ ސުވާލުތައް މި އޮތޯރިޓީއަށް ހުށަހެޅެމުންދާތީ، މިފަދަ ކުށްހީތައް އޮޅުންފިލުވައިދިނުމުގެ ގޮތުން ދަންނަވަމެވެ. ޓެކްސްއާ ބެހޭގޮތުން ދެކެވޭ މިފަދަ ވާހަކަތަކަކީ އައު ސަރުކާރުގެ ޓެކްސްއާބެހޭ ސިޔާސަތުކަމުގައި ބައެއް ފަރާތްތަކުން ވިދާޅުވަމުން ގެންދެވި ނަމަވެސް، ޓެކްސް ނަގަމުންގެންދާ މިންވަރުތަކަށާއި އުސޫލުތަކަށް އެއްވެސް ބަދަލެއް ގެނެވޭނީ، އެފަދަ ބަދަލުތައް ހިމެނިފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށްފަހު، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުންނެވެ. އަދި އެފަދަ ޤާނޫނަކަށް ޢަމަލުކުރަން ނުފަށާހާ ހިނދަކު، މިހާރު ޢަމަލުކުރަމުން ގެންދާ ޓެކްސްއާބެހޭ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކުރެވެމުންދާނެއެވެ.

 މިހާރު ޢަމަލުކުރަމުންގެންދާ ޓެކްސްއާބެހޭ ޤާނޫނުތަކުގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ޓެކްސް ނުދައްކާ ފަރާތްތަކަށް އެއްވެސް އަދަބެއްނެތި ޓެކްސް ދެއްކޭނެ އެންމެ ފަހު ތާރީޚުތައް، މި އޮތޯރިޓީގެ ނަންބަރު (IUL)220-TEF/01/2012/15 (31 ޖެނުއަރީ 2012) އިޢުލާނުގައި ބަޔާންކޮށްފައިވާނެއެވެ. އެހެންކަމުން އެ އިޢުލާނުގައިވާ ތާރީޚުތައް ނިމުމުގެކުރިން ހުރިހާ ޓެކްސްޕޭޔަރުންވެސް އެފަރާތްތަކުން ދައްކަންޖެހި ނުދައްކާވާ ހުރިހާ ޓެކުހެއް ދައްކަވާ ނިންމެވުމަށް އިލްތިމާސް ކުރަމެވެ. އަދި އެ އިޢުލާނުގައިވާ ތާރީޚުތަކުގެ ނިޔަލަށް ޓެކްސް ނުދައްކާ ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

16-02-12