ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މީރާއިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާ 3 މައްސަލައެއް، އެމައްސަލަތަކުގައި ހޯދަން އެދިފައިވާ ފައިސާ ހަމައަށް ދެއްކުމުން އެމައްސަލަތައް އަނބުރާގެނެސްފިއެވެ.
މިގޮތުން ގއ.ފުނަމައުއްޑުއާގެ ލީސް ރެންޓާގުޅިގެން ކުރެވިފައިވާ ދަޢުވާގައިވާ 634,753.45 (ހަލައްކަ ތިރީސް ހަތަރު ހާސް ހަތް ސަތޭކަ ފަންސާސް ތިން ޑޮލަރު ސާޅީސް ފަސް ސެންޓް) ދައްކާ ޚަލާޞްކޮށްފައިވާތީ، މި މައްސަލަ މިހާރު ވަނީ ކޯޓުން އަނބުރާ ގެނެސްފައެވެ. އަދި މޯލްޑިވްސް މިސްޓިކް ސަފާރީ އާއި ޕްރިންސަސް ދޮންކަމަނަ ސަފާރީ އިން ޓޫރިޒަމް ޓެކްސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ގެ މައްސަލައާއި ގުޅިގެން މިފައިސާ ދައްކަންޖެހޭ ފަރާތްތަކުން މިފައިސާ ދައްކާ ޚަލާޞްކޮށްފައިވާތީ އެ ދެ މައްސަލަވެސް މިހާރު ވަނީ އަނބުރާ ގެނެސްފައެވެ.
އެކި ރެވެނިއު ކޯޑުތަކުގެ ދަށުން މިއޮތޯރިޓިއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ފައިސާ ނުދައްކައިވާ 27 ފަރާތެއްގެ މައްސަލަ މިހާރު ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. މިއޮތޯރިޓިއަށް ނުލިބިވާ ފައިސާ ހޯދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް އަބަދުވެސް ކުރަމުން ގެންދާނެއެވެ.