މަތީ ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް ޓެކްސްއާއި ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ތަކެއް ފަށައިފި

މަތީ ތަޢުލީމު ހާޞިލްކުރަމުންދާ ދަރިވަރުންނަށް ޓެކްސްއާއި ބެހޭ މަޢުލޫމާތު ދިނުމަށްޓަކައި ސިލްސިލާ ބައްދަލުވުން ތަކެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަށައިފިއެވެ.

މިސިލްސިލާ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 18 ފެބްރުއަރީ 2012 ވީ ހޮނިހިރު ދުވަހު ވިލާ ކޮލެޖާއި ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިން (އެފް.އެމް.ސީ) ގައި ވިޔަފާރިއާއި އެކައުންޓިންގެ ރޮނގުން ތަޢުލީމް ޙާޞިލްކުރަމުން ގެންދާ ދަރިވަރުންނަށެވެ. މި ބައްދަލުވުން ތަކުގައި މަޢުލޫމާތު ދެއްވާފައިވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީ.ޕީ.ޓީ) އަދި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) އާ ބެހޭ ގޮތުންނެވެ. މިސިލްސިލާގެ އިތުރު ބައްދަލުވުމެއް 19 ފެބްރުއަރީ 2012 ވީ އާދީއްތަ ދުވަހު 8.30 ގައި އެފް.އެމް.ސީ ގައި ބޭއްވުނެވެ.

ކޮލެޖުތަކުގައި މަތީ ތަޢުލީމު ހާޞިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ މާޢުލޫމާތު ދިނުމުގެ މިބައްދަލުވުންތަކަކީ ރާއްޖޭގައި މިހާރު ނެގެމުންދާ ޓެކްސްތަކަށް އާންމުން އަޙުލުވެރިކުރުމަށް މިއޮތޯރިޓީއިން ހިންގާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މިގޮތުން މިފަދަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކުގެ އިތުރުން ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ޖީ.އެސް.ޓީ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު ދެނެގަތުމައްޓަކައި މީރާއިން ކުރިއަށް ގެންދާ ކޮމްޕްލައަންސް ވިޒިޓްތައް، 18 ފެބްރުއަރީ 2012 ވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔައެވެ. މިވިޒިޓްތައް އަމާޒުކޮށްފައިވަނީ ހެންވޭރު އަދި މައްޗަންގޮޅީގެ ބައެއް ވިޔަފާރިތަކަށެވެ.

21-02-12