މީރާ ވެބްސައިޓުން ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި

މީރާ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

 

"ވާރުޕޭ" ގެ ނަމުގައި މިއަދު ތައާރަފުކުރި މި ޚިދުމަތަކީ ޓްރެފިކާ ގުޅޭ ޖޫރިމަނާތައް ދައްކަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކީ އެ ފައިސާ ދެއްކޭނެ ޚިދުމަތެކެވެ. އަދި މި ޚިދުމަތް ހޯދުމަށް ރަޖިސްޓަރީ ކުރާކަށް ނުޖެހެއެވެ.

 

ޓްރެފިކް ވަޔަލޭޝަން ސްލިޕް ނަންބަރު ނުވަތަ ވެހިކަލް ނަންބަރާއި އެފަރާތެއްގެ އައި.ޑީ ކާޑު ނަންބަރު ބޭނުންކޮށްގެން، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު މެދުވެރިކޮށް ވާރުޕޭއިން  ޓްރެފިކް ވަޔަލޭޝަން އާއި ޕާކިންގ ވަޔަލޭޝަންގެ ޖޫރިމަނާ  ދެއްކެއެވެ. އަދި، ފައިސާ ދެއްކުމާއެކު ފައިސާގެ ރަސީދު ވަގުތުން އީމޭލް ކުރެވޭނެކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.

 

ވާރުޕޭ އަކީ މީރާގެ އޮންލައިން ޚިދުމަތް މީރާ ކަނެކްޓްއަށް އިތުރުކުރެވުނު އައު ޚިދުމަތެއްކަމަށާއި މި ޚިދުމަތް މެދުވެރިކޮށް އިތުރު ފީތަކާއި ޖޫރިމަނާތައް ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމު ކައިރި މުސްތަގުބަލެއްގައި ހަމަޖައްސަވާނެ ކަމަށްވެސް މިރާއިން މައުލޫމާތު ދެއްވައެވެ.

 

ފިތުރު ޢީދާ ގުޅިގެން ގިނަ ދުވަސްތަކަކަށް ސަރުކާރު ބަންދުވާއިރު، އޮންލައިންކޮށް ޓްރެފިކް ވަޔަލޭޝަންގެ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހުމަކީ ގިނަ ފަރާތްތަކަށް އޭގެ ފަސޭހަ ލިބިގެންދާނެ ކަމެކެވެ.

 

·         ވާރުޕޭ ލިންކް: https://www.mira.gov.mv/miraconnect/vaarupay/vehiclerequest

23-06-17