މީރާގެ މުވައްޒަފުން އައި.ޖީ.އެމް.އެޗްގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން އައި.ޖީ.އެމް.އެޗްގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށް، ބަލިމީހުންނަށް ހަދިޔާއަކާއި އެފަރާތްތަކުގެ އެހީތެރިންނަށް ރޯދަވީއްލުމެއްދީފިއެވެ.

މިއީ މީރާގެ އިޖުތިމާޢީ ޒިންމާ އަދާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ހިންގާ ތަފާތު އިޖުތިމާއީ ހަރަކާތުގެ ތެރެއިން ކުރިއަށްގެންދެވުނު ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތް ފެށުމުގެ ގޮތުން މިއަދު ހަވީރު 16:15 ގައި ބޭއްވުނު ރަސްމިއްޔާތުގައި މީރާގެ ހުރިހާ މުވައްޒަފުންނާއި އައި.ޖީ.އެމް.އެޗްގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު އާއި އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރްހަތު ޝަހީރުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވެފައިވަނީ މި ހަރަކާތް ހިންގުމުގެ މަގްސަދަކީ މުޖްތަމައުގައި ނެތެމުންދާ ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ އާދަ އަލުން ދިރުވާ އާލާކުރުން ކަމުގައެވެ. އަދި މީރާގެ މުވައްޒަފުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން މީރާއިން މިފަދަ ހަރަކާތްތައް ހިންގުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމާއި މީރާގެ ފަރާތުން ކުރިއަށް އޮތްތަނުގައި ވެސް މުޖްތަމައުއަށް އެހީތެރިވުމަށް މިފަދަ އެކިއެކި ހަރަކާތްތައް ހިންގާނެކަމަށެވެ. އަދި މި ހަރަކާތް ހިންގުމަށް އައި.ޖީ.އެމް.އެޗްގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މީރާގެ މުވައްޒަފުން އައި.ޖީ.އެމް.އެޗްގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކުރުމަށް މިފަދަ ހަރަކާތެއް އިސްނަގައިގެން ރާވާ ކުރިއަށްގެންދިޔަ ކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެ މީރާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން މުޢައްސަސާތަކުންވެސް މިފަދަ ހަރަކާތްތައް ކުރިއައް ގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ މިފަދަ ހަރަކާތެއް ވޭތުވެދިޔަ އަހަރުގައިވެސް މީރާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

ގުޅުންހުރި ލިޔުންތައް

https://www.facebook.com/pg/maldivesinlandrevenueauthority/photos/?tab=album&album_id=1490853564304902

15-06-17