ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކާ ބެހޭ

މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ) އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 1200 އަށްވުރެ ގިނަފަރާތުން އަދިވެސް ޖީ.އެސް.ޓީ ދައްކާފައިނުވެއެވެ. މީގެ ތެރެއިން 800 އަށް ވުރެ ގިނަ ފަރާތްތަކަކީ މާލޭގައި ވިޔަފާރިކުރާ ފަރާތްތަކެވެ. އަދި 400 އަށްވުރެ ގިނަ ފަރާތަކީ އަތޮޅުތަކުގައި ވިޔަފާރި ކުރާ ފަރާތްތަކެވެ.

 

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ތެރެއިން މަހަކު އެއްފަހަރު ޖީ.އެސް.ޓީ ދައްކާ ފަރާތްތަކާއި އަދި ތިން މަހުން އެއްމަހު ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން މިހާތަނަށް ޖީ.އެސް.ޓީ ދައްކަންޖެހި ނުދައްކައިވާ ޖީ.އެސް.ޓީ، އެއްވެސް ޖޫރިމަނާއެއްނެތި ދެއްކުމުގެ މުއްދަތު 28 ފެބްރުއަރީ 2012 ގެ ނިޔަލަށް ވަނީ އިތުރުކޮށްދީފައެވެ. މިމުއްދަތުގެ ފަހުން، ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކާއިމެދު ފިޔަވަޅުއެޅުމަށާއި އަދި ރައްޔިތުން އަތުން ޖީ.އެސް.ޓީ ނަގައި ދައުލަތަށް އެފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމާމެދު މި އޮތޯރިޓީއިން ދަނީ ވިސްނަމުންނެވެ.

 

މިހާތަނަށް، ޓޫރިޒަމް ދާއިރާއާއި އެނޫން ދާއިރާގެ ޚިދުމަތްދޭ 4500 އަށްވުރެ ގިނަފަރާތް މީރާގައި ވަނީ ރަޖިސްޓަރީކޮށްފައެވެ. މީގެ ތެރެއިން 3300 އަށް ވުރެ ގިނަފަރާތުން، މިހާތަނަށް ޖީ.އެސް.ޓީ ގެ ގޮތުގައި 450 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދައްކާފައެވެ. މިއޮތޯރިޓީގެ އިތުރުން އަތޮޅު ކައުންސިލްގެ އިދާރާތަކަށް ވެސް ޖީ.އެސް.ޓީ ބަލައިގަނެއެވެ.

23-02-12