ރާއްޖެއާއި މެލޭޝިއާ ދެމެދު ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމެއްގައި ސޮއިކުރުމާ ބެހޭގޮތުން މަޝްވަރާކުރަނީ

ދިވެހި ސަރުކާރުން އިސްނަގައިގެން ދިވެހި ސަރުކާރާއި މެލޭޝިއާ ދެމެދު ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމެއްގެ ފުރަތަމަ ބުރުގެ މަޝްވަރާތައް މިއަދު މެލޭޝިއާގައި ވަނީ ފަށާފައެވެ.  

ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމުގެ ސަބަބުން މި ދެ ގައުމުގެ ވިޔަފާރި ތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުން އެއް އާމްދަނީއިން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެވި، ދެ ގައުމުގެ މެދުގައި ޓެކުހާގުޅޭ މަޢުލޫމާތުތައް ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިންނެވެ. އަދި މެލޭޝިއާ ތަމްސީލުކުރީ މިނިސްޓްރީ އޮފް ފިނޭންސް އަދި އިންލަންޑް ރެވެނިއު ބޯޑް އޮފް މެލޭޝިއާއެވެ. މެލޭޝިއާއިން ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ ޓެކްސް ޑިވިޜަންގެ އަންޑަރސެކްރެޓަރީ ދަތޯ ޚަދީޖާ ޢަބްދުﷲ އެވެ. އަދި ރާއްޖެއިން ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ހަސަން ޒަރީރެވެ.

15-05-17