ރެމިޓެންސް ޓެކްސް ދެއްކުމުން އެއްކިބާވުމަށް އެހީތެރިވެދިނުމުގެ ގޮތުން، އެހެން ބައެއްގެ ފައިސާތަކެއް ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ބިދޭސީއަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓައިފިއެވެ.
ރެމިޓަންސް ޓެކުހަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން 3 އިންސައްތައިގެ ރޭޓުގައި ނެގޭ ޓެކުހެކެވެ. އަދި ރެމިޓެންސް ޓެކްސްދެއްކުމުން އެއްކިބާވުމަށް މަސައްކަތް ކުރުމާއި އެ ފަދަ ކަމަކަށް އެހީތެރިވުމަކީ ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން ކުއްވެރިވާ ކަމެކެވެ.
ރެމިޓެންސް ޓެކްސް ދެއްކުމުން އެއްކިބާވުމަށް އެހީވެދިނުމުގެ ގޮތުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ފައިސާ އެހެން ފަރާތަކުން ރާއްޖޭން ބޭރަށް ގެންގޮސްދެން މަސައްކަތް ކޮށްފިނަމަ އެކަމުގެ އަދަބެއްގެ ގޮތުން ބޭރަށް ގެންދަން މަސައްކަތްކުރި ފައިސާއާ އެއްވަރު އަދަދަކުން ޖޫރިމަނާ ވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. މި އުސޫލުން، ބޭރަށް ގެންދަން އުޅުނު 69,650 ޑޮލަރު މިހާރު ވަނީ ޖޫރިމަނާއާ ޓެކުހުގެ ގޮތުގައި ދައުލަތަށް ނަގާފައި ކަމުގައިވެސް މީރާއިން މައުލޫމާތު ދެއްވައެވެ.