29 ޖެނުއަރީ 2012 ގެ ނިޔަލަށް ޖީ.އެސް.ޓީ ދައްކަން ޖެހޭ ފަރާތްތަކުގެ ތެރެއިން 600 އަށްވުރެ ގިނަފަރާތުން އަދިވެސް ޖީ.އެސް.ޓީ ނުދައްކާ

މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ) އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެެރެއިން އަދިވެސް ވަރަށްގިނަ ފަރާތްތަކުން ޖީ.އެސް.ޓީ ނުދައްކައެވެ. މިގޮތުން ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 29 ޖެނުއަރީ 2012 ގެ ނިޔަލަށް ޖީ.އެސް.ޓީ ދައްކަން ޖެހޭ 600 އަށްވުރެ ގިނަ ފަރާތުން އަދިވެސް ޖީ.އެސް.ޓީ ދައްކާފައިނުވާއިރު މީގެ ތެރެއިން 400 އަށް ވުރެ ގިނަ ފަރާތްތަކަކީ މާލޭގައި ވިޔަފާރިކުރާ ފަރާތްތަކެވެ.

 

ދައްކަންޖެހި ނުދައްކައިވާ ޖީ.އެސް.ޓީ، އެއްވެސް ޖޫރިމަނާއެއްނެތި ދެއްކުމަށް ދެވުނު މުއްދަތު 28 ފެބްރުއަރީ 2012 ގެ ނިޔަލަށް ހަމަވެފައިވާތީ، މިހާތަނަށް ޖީ.އެސް.ޓީ ނުދައްކައިވާ ފަރާތްތައް މި އޮތޯރިޓީއިން ކޮށްފައިވާ އިޢުލާނާއި އެއްގޮތަށް ޖޫރިމަނާވާނެއެވެ. މިގޮތުން ޖޫރިމަނާކުރުމަށް ހަމަޖެހިފައިވަނީ 30 ޖެނުއަރީ 2012 އިން ފެށިގެންނެވެ. އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކާއިމެދު އިތުރު ފިޔަވަޅު އެޅުމުގެ ގޮތުން މުދާ ނުވަތަ ޚިދުމަތް ހޯދާ ފަރާތްތަކުގެ އަތުން ޖީ.އެސް.ޓީ ނަގައި ދައުލަތަށް އެފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

 

22 ފެބްރުއަރީ 2012 ގެ ނިޔަލަށް ޖީ.އެސް.ޓީ ނުދައްކާ 1200 ފަރާތްތަކުގެތެރެއިން 500 އަށްވުރެ ގިނަ ފަރާތުން މިހާރު ވަނީ ޖީ.އެސް.ޓީ ދައްކާފައެވެ. މީރާގެ އިތުރުން އަތޮޅު ކައުންސިލްގެ އިދާރާތަކަށްވެސް ޖީ.އެސް.ޓީ ބަލައިގަނެއެވެ. ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި މަހުން މަހަށް ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތްތަކާއި ތިންމަހުން އެއްމަހު ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތްތައް ހިމެނެއެވެ.

08-03-12