މާރިޗު މަހު ވެސް މީރާއަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގެންފި

ހުސްވި މާރިޗު މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.32 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރައްވައިފިއެވެ. މިއީ، މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާ ބަލާއިރު 19.2 އިންސައްތަ އިތުރު ޢަދަދެކެވެ. އޭގެ މައިގަނޑު ސަބަބުތަކަކީ ޖީ.އެސް.ޓީ، އެއަރޕޯޓް ސަރވިސް ޗާޖް، ލޭންޑް އެކުއިޒިޝަން ފީ އަދި ފަހަކަށް އައިސް ނަގަންފެށި ރެމިޓެންސް ޓެކްސްގެ ގޮތުގައި ލިބިފައިވާ ޢަދަދު މިދިޔަ އަހަރުގެ މާރިޗު މަހަށްވުރެ އިތުރުވުމެވެ.

މާރިޗު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %50.4 ނުވަތަ 665.9 މިލިއަން ރުފިޔާ އެވެ. މާރިޗު މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓް (275.1 މިލިއަން ނުވަތަ %20.8) އިންނެވެ. މީގެ އިތުރުން، އެއަރޕޯޓް ސަރވިސް ޗާރޖް (73.3 މިލިއަން ރުފިޔާ ނުވަތަ %5.5)، ގްރީން ޓެކްސް (70.4 މިލިއަން ރުފިޔާ ނުވަތަ %5.3)، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ (65.6 މިލިއަން ރުފިޔާ ނުވަތަ %5.0) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަ ކުރެވެއެވެ.

މާރިޗު 2017 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 62.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ. 

16-04-17