ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާގުޅޭ ހުރިހާ ޖޫރިމަނާއެއް މަޢާފުކޮށްދޭ ގޮތަށް ހަމަޖައްސައިފި

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މަޢާފު ކޮށްދޭގޮތަށް މީރާއިން ހަމަޖައްސައިފިއެވެ. އެއީ، އެ އޮތޯރިޓީން، ޖޫރިމަނާ މަޢާފުކުރުމުގައި މިހާރު ވެސް ޢަމަލުކުރަމުންދާ ޢާއްމު އުޞޫލުގެ އިތުރުން، ކުދި ވިޔަފާރިތަކަށް ދޭ ޚާއްޞަ ޢިނާޔަތެކެވެ. އަދި އެ ފަދަ ފަރާތްތައް ޓެކުހުގެ ނިޒާމުގެ ތެރެއަށް އެނބުރި އައުމަށްޓަކައި، އެހީތެރިވެ ދިނުމުގެ ގޮތުން 30 ޖޫން 2017 ގެ ނިޔަލަށް، މީރާއިން ދީފައިވާ ފުރުޞަތެކެވެ.

ކުދި ވިޔަފާރިތަކުގެ ގޮތުގައި މީރާއިން ގިންތި ކޮށްފައިވަނީ، އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކެވެ. އެ ފަރާތްތަކުން ބީ.ޕީ.ޓީ އަދި ޖީ.އެސް.ޓީ އާ ގުޅިގެން، 31 މާރިޗު 2017 ގެ ނިޔަލަށް އަދާކުރަންޖެހޭ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތައް ލުއި ކޮށްދިނުމަށް އެދި، ކަނޑައެޅިފައިވާ މުއްދަތުގައި އެ އޮތޯރިޓީއަށް ހުށަހެޅުމަށް މީރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކުދި ވިޔަފާރިތަކަށް ޚާއްޞަ ކޮށްގެން މި އަހަރުގެ ތެރޭގައި މީރާއިން ވަނީ ގިނަ ލުއިތަކެއް ދީފައެވެ. އޭގެތެރޭގައި އަމިއްލަ ފަރުދުން އަދި ޑީމްޑް ޕާރޓްނަރޝިޕް ތަކުން އެ އޮތޯރިޓީގައި ރަޖިސްޓަރީކުރުމުގައި ބަލާ އާމްދަނީގެ ޝަރުތު، އެވްރެޖްކޮށް މަހަކަށް 40,000 ރުފިޔާއަށް އިތުރު ކުރުމާއި، އެ ފަދަ ފަރާތްތަކުން، އަހަރެއްގެ ތެރޭގައި 1 މިލިއަން ރުފިޔާ އަށްވުރެ މަދުން އާމްދަނީ ލިބޭނަމަ ނުވަތަ ޓެކްސް ބިނާކުރެވޭ ފައިދާ 500,000 ރުފިޔާ އަށްވުރެ އިތުރު ނުވާނަމަ، ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި ކުދި ވިޔަފާރިތަކުން، ހިސާބުތައް ބެލެހެއްޓުމުގައި "ކޭޝް ބޭސިސް" އިޚުތިޔާރުކުރުމުގެ ފުރުޞަތު ދިނުމާއި، އެ އޮތޯރިޓީއަށް އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖެއްސުން ފަދަ ލުއިތައް ވެސް ވަނީ ދީފައެވެ.

13-04-17