ފެބުރުވަރީ މަހު މީރާއިން 1 ބިލިއަން ރުފިޔާ ބަލައިގެންފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ފެބުރުވަރީ މަހު ބަލައިގަތް އާމްދަނީގެ ތަފާސްހިސާބު އާންމުކޮށްފިއެވެ. މީރާގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ތަފާސްހިސާބުގައި ވާ ގޮތުން، ވޭތުވެދިޔަ މަހު މީރާއިން 1 ބިލިއަން ރުފިޔާ ބަލައިގަނެފައި ވެއެވެ.

މިއީ ފެބުރުވަރީ 2017 ގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ %15.2 އިތުރު އަދަދެއްކަމުގައި އެ އޮތޯރިޓީއިން ހާމަކުރެއެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި  ލޭންޑް އެކުއިޒިޝަން އަދި ކޮންވާޝަންފީ އާއި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާތީ، އަދި މި ފައިސާއަކީ ވަންއޯފް ޕޭމަންޓް ތަކެއް ކަމުގައިވާތީ، އެ މަހުގެ އާމްދަނީ 2017 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ލިބިފައިވާ އާމްދަނީއަށްވުރެ އިތުރު ވެފައި ވެއެވެ.

ފެބުރުވަރީ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ %63.6 ނުވަތަ 638.83 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީ (136.85 މިލިއަން ރުފިޔާ ނުވަތަ %13.6) އިންނެވެ. މީގެ އިތުރުން ގްރީން ޓެކްސް (64.52 މިލިއަން ރުފިޔާ ނުވަތަ %6.4)، އެއަރޕޯޓް ސަރވިސް ޗާޖް (45.99 މިލިއަން ރުފިޔާ ނުވަތަ %4.6)، ލޭންޑް އެކުއިޒިޝަން އަދި ކޮންވާޝަންފީ (24.76 މިލިއަން ރުފިޔާ ނުވަތަ %2.5)، އަދި އެހެނިހެން ޓެކުހާއި ފީ (93.83 މިލިއަން ރުފިޔާ ނުވަތަ %9.3) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަ ކުރެވެއެވެ. 

ފެބުރުވަރީ 2017 ގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 41.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

12-03-17