ކުދި ވިޔަފާރިތަކުގެ ޓެކުހާގުޅޭ ޖޫރިމަނާ މާފުކޮށްދިނުމަށް މީރާއިން ކުރިއަށްގެންދާ ހާއްސަ ކެމްޕޭންގެ ދަށުން، ޓެކްސް ބަޔާން ހުށަހެޅުމާއި ޓެކްސް ދެއްކުމާ ގުޅޭ ޖޫރިމަނާގެ އިތުރުން، ނޮން ރެޖިސްޓަރޭޝަން އަދި ނޮން ކޮމްޕްލަޔަންސްއާ ގުޅިގެން އަރާފައިވާ ޖޫރިމަނާ ވެސް މާފުކޮށްދޭ ގޮތަށް ހަމަޖައްސައިފިކަމުގައި މީރާއިން ހާމަކޮށްފިއެވެ.
މިއީ 10 މިލިއަނަށްވުރެ މަދުން އަހަރެއްގެ ތެރޭގައި އާމްދަނީ ލިބޭ ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާ މާފުކޮށްދިނުމާ ގުޅޭގޮތުން މީރާއިން 13 އެޕްރީލް 2017 ގައި އާއްމުކުރި އުސޫލުގެ ދަށުން އިތުރަށް ދީފައިވާ ލުޔެކެވެ.
މި އުސޫލުގެ ދަށުން މާފުކޮށްދެނީ ބީ.ޕީ.ޓީ އަދި ޖީ.އެސް.ޓީއާ ގުޅޭގޮތުން، 31 މާރިޗު 2017ގެ ނިޔަލަށް އަދާކުރަންޖެހިފައިވާ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތަކެވެ. އަދި މި ޖޫރިމަނާ މާފުކޮށްދިނުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2017ގެ ކުރިން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށެވެ. އެހެންކަމުން ކުދި ވިޔަފާރިތަކުން މީރާ 910 ފޯމު މެދުވެރިކޮށް މިކަމަށް އެދި ހުށަހަޅަމުން ގެންދިއުމަށް މީރާއިން އިލްތިމާސްކުރެއެވެ.