ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލު

ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން މި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ކޮންމެ ކުއާޓަރެއް ނިމުމުން ފެށޭ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި އެ ތާރީޚުގެ ނިޔަލަށް ޖީ.އެސް.ޓީ ދައްކާފައިނުވާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ އުސޫލު މިއޮތޯރިޓީއިން ޢާންމުކޮށްފީމެވެ. މި އުސޫލު އެކުލަވާލުމުގެ މަޤްޞަދަކީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި ޖީ.އެސް.ޓީ ދައްކާފައިނުވާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ހަމަހަމަކަމާއެކު ދެފުށްފެންނަހެން ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމެވެ.

 

މި އުސޫލުގެ ދަށުން ހާމަކުރާނީ ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަމާއި، އެޑްރެހާއި، ޓެކްސް ދައްކާ ފަރާތް އަންގައިދޭ ނަންބަރު ("ޓިން") އާއި، އެފަރާތުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓެކްސް ނެގޭ ޙަރަކާތްތަކުގެ ނަމެވެ. ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމަށްފަހު ފައިސާ ނުދައްކާ ފަރާތްތަކާއި، ފައިސާ ދެއްކުމަށްފަހު ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މި އުސޫލުގެ ދަށުން ހާމައެއް ނުކުރެވޭނެއެވެ. އެފަދަ ފަރާތްތަކާމެދު ޢަމަލުކުރެވޭނީ މި އޮތޯރިޓީގެ އެންފޯސްމަންޓް ޕޮލިސީގައިވާ ގޮތުގެމަތިންނެވެ.

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލު މިއޮތޯރިޓީގެ ވެބްސައިޓް  www.mira.gov.mv އަށް މިހާރު އަޕްލޯޑް ކުރެވިފައިވާނެއެވެ. އަދި 11 މާރޗް 2012 ވާ އާދީއްތަ ދުވަހު މިއުސޫލު ގެޒެޓުގައިވެސް ޝާޢިއު ކުރެވޭނެއެވެ.

10-03-12