ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ އަދަބުތަކާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

ޓެކްސްގެ ޤާނޫނުތަކުގައި ކަނޑައެޅިފައިވާ ކުށާއި އަދަބުތައް މިހާރު ހިމެނިފައިވަނީ ޤާނޫނު ނަމްބަރ 03/2010 (ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނު) ގައި ކަމަށްވާތީ މިޤާނޫނުގެ ދަށުން ކުށާއި އަދަބުތަކަށް ގެނެވުނު ބަދަލުތަކާއި ގުޅޭގޮތުން އަދުލު އިންސާފް ޤާއިމުކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ މިކަމާ ގުޅުންހުރި ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 26 މާރޗް 2012ވީ ހޯމަ ދުވަހު ބާއްވައިފިއެވެ. މިއީ ޓެކްސްގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް އާންމުންނާއި، ވިޔަފާރިވެރިން އަދި ކަމާބެހޭ ސަރުކާރުގެ މުއައްސަސާތައް ހޭލުންތެރިކުރުވުމަށް މިއޮތޯރިޓީއިން ކުރިއަށް ގެންދަމުންދާ ޕްރޮގްރާމްގެ ދަށުން ބޭއްވުނު ބައްދަލުވުމެކެވެ.

މި އޮތޯރިޓިގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، އެޓަރނީ ޖެނެރަލްގެ އޮފީސް، ޓެކްސް އެޕީލް ޓްރައިބިއުނަލް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް(އޭ.ޑީ.ބީ)ގެ ކޮންސަލްޓަންޓެއްގެ ގޮތުން މީރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ޕްރޮފެސަރ ޑރ. ކެވިން ހޯމްސްއެވެ.

27-03-12